
ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ވެރިއަކަށް ހުންނަ މީހަކު މަރުގެ އަދަބު ތަންފީޒުނުކުރުމަކީ ޗޮއިސް އެއްނޫނު : ރައީސް

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 07:43
ވެރިއަކަށް ހުންނަ މީހަކު މަރުގެ އަދަބު ތަންފީޒު ނުކުރުމަކީ ޗޮއިސްއެއް ނޫންކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މިސަރުކާރުން މަރުގެ އަދަބު ތަންފީޒްކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ޝަރުޢީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށެވެ. ކުރީ ސަރުކާރުތަކުންވެސް މި އަދަބު ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށާއި ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުން ޤާނޫނީ ފްރޭމްވަރކްގެ ތެރޭގައި ހިމެނަންޖެހޭ ކަމަށާއި ބަންޑާރަނައިބުގެ އޮފީހުން މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި މަރުގެ އަދަބާ ގުޅޭ ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އިސްލާމީ ޤައުމެއްގައި އެ އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިަހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.





.gif&w=3840&q=75)