logo

ކޮރަޕްޝަނާއި ފަސާދަ

profile

ޒިދާން މުޙައްމަދު - 01 ސެޕްޓެމްބަރު 2025 - 17:26

މީހެއްގެ ގައިގައި ހުންނަ ޖެހޭ އެންމެ ޢަދުލުވެރި އަދި ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރާ ޝަޚްސިއްޔަތަކީ، ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރެވެ. އިންސާނާގެ ޝަހްސިއްޔަތު ބިނާވެގެން އަންނަނީ، އެމީހަކަށް ލިބިހުރި ޢިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައެވެ. ކޮންމެ މީހަކު ވެސް ޢަޒުމް ކަނޑައަޅަންވީ، ތިމާއަށް ލިބިހުރި ޢިލްމުގެ އެހީގައި ތިމާގެ ކިބައިގައި މުޅިން އައު ޝަޚްޞިއްޔަތެއް އުފަން ކުރުވުމަށެވެ.

https://wamco.com.mv/

އެއީ އަނެކުންނަށް އޯގާތެރިވެ، ކަމޭހިތާ، އަދި އަނެކުންގެ އިޙްސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރު ކޮށްދިނުމަށް އިސްނަގާ ޝަޚްޞިއްޔަތެވެ. ޙައްޤު ގޮތަކީ، އެންމެ ޢަދުލުވެރި ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރާ ޝަޚްޞިއްޔަތެވެ. އެއީ، ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ ޝަޚްޞިއްޔަތެވެ.

ތިމާގެ ހަޔާތުގެ މަންޒިލަކީ، ނުވަތަ ތިމާ ކުރާ ކޮންމެ މަސައްކަތެއްގައި ބޭނުންކުރާ ވާސްޠާއަކީ ފައިސާކަމަށްވެއްޖެ މުޖުތަމަޢެއްގައި ފެތުރިގެންދާނީ ކޮރަޕްޝަނާއި ފަސާދައެވެ. އެފަދަ މުޖުތަމަޢެއް ފަސާދައިގެ ބަލިމަޑުކަމުގެ ސަބަބުން ނެތިގެންގޮސް، އެމުޖުތަމަޢަކަށް ވީރާނާކަން ވެރިވެގެންދާނެއެވެ. ޢަޤީދާއާއި، މުޖުތަމަޢުން ނެތިގެންދާ އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަކީ، ތަޢުލީމީ ގޮތުން މަތީ ފާސްތަކެއް ހޯދުމަށްވުރެ މުހިންމުކަން ބޮޑު މަޤްޞަދެކެވެ. ހިތާމައަކީ މިއަދު ފެނިގެންދަނީ، ކޮންމެ ކަމެއްގެ އެންމެ ފަހު މަރުހަލާއަކީ، އެމީހެއްގެ ޖީބަށް ވަންނަ ފައިސާ ފޮއްޗެއް، ނުވަތަ ހާސިލްވާ މާއްދީ ބޭނުމެއް ކަމުގައި ވެގެންދާ ތަނެވެ.

އެއުއްމަތަކީ، އެއުއްމަތުގެ ކުރިއެރުމަކީ، އަޚުލާޤާއި، ރިވެތި ހަމަތަކާއި، ޢިލްމުގެ ތެރެއިން ކުރިއަށްދާ މުޖުތަމަޢަކަށް ނުހަދައިފިނަމަ އެއްވެސް މުޖުތަމަޢެއް، އެއްވެސް ޤައުމެއް، އެއްވެސް އުއްމަތެއް، ކުރިއަކަށް ނާރާނެއެވެ.

ކީރިތި ޤުރްއާންގައި ﴿ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ ﴾ “ފަސާދަކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ނުވެތެވެ.” މިފަދައިން ދެ އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ.

މި ދެއާޔަތާމެދު ވިސްނައިލުމުން ފިލާވަޅުތަކެއް ލިބެއެވެ. މި ދެންނެވި ދެ އާޔަތުގެ ތެރެއިން ފުރަތަމަ އާޔަތަކީ ޔަހޫދީންގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތެކެވެ. ދެވަނަ އާޔަތުގައި އިޝާރާތްކުރައްވަނީ ބަނީ އިސްރާއީލް މީހުންގެ ތެރެއިން މުއްސަނދި މަހުޖަނެއް ކަމުގައިވާ ޤާރޫނަށެވެ. މި ދެއާޔަތްވެސް ނިންމާލައްވަމުން، ބިމުގައި ފަސާދަކޮށް އުޅޭ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑި ނުގަންނަވާ ކަމުގައި ވަނީ އަންގަވާފައެވެ.

ފުރަތަމަ އާޔަތް: އިސްވެބަޔާންކުރެވުނު ފަދައިން މިއާޔަތުގައިވަނީ ޔަހޫދީންގެ ވާހަކަތަކެވެ. އަދި ޔަހޫދީންގެ ބައެއް ސިފަތަކެވެ. އެ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ ބިމުގައި ފަސާދަކުރުން ކަން މިއާޔަތުން އެނގިގެންދެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿ وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا بَلْ يَدَاهُ مَبْسُوطَتَانِ يُنْفِقُ كَيْفَ يَشَاءُ وَلَيَزِيدَنَّ كَثِيرًا مِنْهُمْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ طُغْيَانًا وَكُفْرًا وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَى يَوْمِ الْقِيَامَةِ كُلَّمَا أَوْقَدُوا نَارًا لِلْحَرْبِ أَطْفَأَهَا اللَّهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا وَاللَّهُ لَا يُحِبُّ الْمُفْسِدِينَ ﴾ [المائدة: 64]

މާނައީ: “ޔަހޫދީން ބުންޏެވެ. اللَّهގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (ޔަހޫދީން މިހެންބުނީ اللَّهއަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) އެއުރެންގެ އަތްތައް ބަންދުވާށިއެވެ! އަދި އެއުރެން އެހެން ބުނުމުގެ ސަބަބުން އެއުރެންނަށް ލަޢްނަތް ލެއްވިއެވެ. އަދި ކިއެއްތަ! އެކަލާނގެ އަތްފުޅުވަނީ ހުޅުވި ތަނަވަސްވެގެންނެވެ. އެކަލާނގެ އިރާދަކުރައްވާ ފަދަޔަކުން ހޭދަކުރައްވަތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި އޭގެތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، ކާފިރުކަން އިތުރުކުރާނެކަން ކަށަވަރެވެ. އަދި ޤިޔާމަތަށް ދާނދެން ޢަދާވަތް ތެރިކަމާއި، ރުޅިވެރިކަން އެއުރެންގެ މެދުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއުރެން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، اللَّه އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި ފަސާދަ ކުރުމުގެ ގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ، ފަސާދަ ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.”

ދެވަނަ އާޔަތް: މިއާޔަތުގައި އަންގަވާފައިވަނީ، އިންސާނުންގެ ތެރެއިން އެންމެ މުއްސަނދިކަންދެއްވި އިންސާނާގެ ވާހަކައެވެ. ޤާރޫނުގެ ނުބައިކަމުގެ ވާހަކައެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّ قَارُونَ كَانَ مِنْ قَوْمِ مُوسَى فَبَغَى عَلَيْهِمْ وَآتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوءُ بِالْعُصْبَةِ أُولِي الْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لَا تَفْرَحْ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ * وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ وَلَا تَنْسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِنْ كَمَا أَحْسَنَ اللَّهُ إِلَيْكَ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ ﴾ (القصص: 76، 77)

މާނައީ: “ހަމަކަށަވަރުން، ޤާރޫނަކީ މޫސާގެފާނުގެ ޤައުމުގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ޤައުމުގެމީހުން އޭނާއަށް ބުނިހިނދެވެ. (ކިބުރުވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. * އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚީރަތުގެ ދިންނެވުމާއި، ރަޙުމަތާއި ސަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް އިޙްސާން ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّهގެ އަޅުތަކުންނަށް) އިޙްސާންތެރިވާށެވެ! އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.”

މިފަދަ ވާހަކަތައް ކީރިތި ޤުރްއާންގައި ވަޙީކުރައްވާފައިވަނީ އެ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރާ ބަޔަކަށް ހުރި ޢިބްރަތެއްގެ ގޮތުގައެވެ. ބިންމަތީގައި ފަސާދަކޮށް، މާތް ﷲ ގެ ޙުކުމްފުޅުތަކާމެދު ދޮގުބަސްބުނެ، ޝަރުޢީ ޙުކުމްތަކަށް އިންކާރުކޮށް ބޮޑާވެގަނެ، ކީރިތި ރަސޫލާ صلى الله عليه وسلم އާއި މަތިވެރިވެގެންވާ ޞަޙާބީންނާއި ތާބީންގެ ބަސްތަކުގެ މައްޗަށް ތިމާމެންގެ ހަވާނަފްސުގެ ބަސް އިސްކުރުމަކީ، ބިންމަތީގައި ހިންގޭ އެންމެ ބޮޑު އެއް ފަސާދައެވެ. އެފަދައިން ޢަމަލުކުރާ ބައެއްގެ ނުބައިކަމަށްވުރެ، މާތް ﷲ ގެ ކުޅަދުންވަންތަކަން މާ މަތިވެރިވެގެންވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay