logo
ފޮޓޯ: އެސްޓީއޯ

ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ނިންމައިފި

profile

އައިޝަތު އިބްރާހިމް - 18 މޭ 2025 - 05:28

މިދިޔަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް އެކުންފުނިން ފާސްކޮށްފިއެވެ.

https://wamco.com.mv/

ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި އެސްޓީއޯގެ ޙިއްޞާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތަ ވޯޓުންނެވެ. އަހަރީ ޢާންމު ޖަލްސާއަށް 129 ހިއްސާދާރުން ހާޒިރުވިއިރު، 67 ހިއްސާދާރުން ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވިއެވެ.

އެސްޓީއޯއަށް ލިބުނު ފައިދާއިން ޙިއްސާ އަކަށް 80 ރުފިޔާ ބެހުމަށް ފާސްކުރިއިރު، މިދިޔަ އަހަރު ބޭއްވި ޖަލްސާގައި 2023 ވަނަ އަހަރުގެ ފައިދާއިންވެސް ހިއްސާދާރުންނަށް ބަހާފައިވަނީ 80 ރުފިޔާއެވެ.

undefined

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 741 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުނީގެ ސާފު ފައިދާއަކީ 846 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާ އެކު ޖުމްލަ ފައިދާ ދަށްވެފައިވުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި، ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާ އެކު، ތެލުގެ ވިޔަފާރިން ލިބުނު ޢާމްދަނީ ދަށްވެފައިވުމެވެ. އެހެންނަމަވެސް ކުންފުނީގެ އެހެން ވިޔަފާރިތައް ވަނީ ވަރުގަދަ މިސްރާބެއްގައި ދެމެހެއްޓިފައި ކަމުގައި އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.

ޢާމްދަނީ ދަށްވުމާ އެކު، ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ޚަރަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތަ ދަށްކޮށްފައެވެ. އެހެންނަމަވެސް ޖުމްލަ ފައިދާ ދަށްވުމާ އެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.1 ބިލިއަން ރުފިޔާއެވެ.

undefined

މި ޖަލްސާގައި 2023ވަނަ އަހަރުގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2024ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް ޢުޖޫރައެއްގެ ގޮތުގައި 67،500 އެމެރިކާ ޑޮލަރު ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.

މިޖަލްސާގައި ވަނީ އެސްޓީއޯގެ ބޯޑުގައި ޢާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކަށް މުޙައްމަދު އަހުސަން ސަލީމް ހިއްސާދާރުންގެ ވޯޓުން ޢައްޔަންކޮށްފައެވެ. އޭނާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ 99.71 އިންސައްތަ ހިއްސާދާރުންގެ ވޯޓާއީއެކުއެވެ.

1964 ވަނަ އަހަރު އުފެދުނު އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާޢިރާއެއްގައި ވިޔަފާރި ކުރާ ސަރުކާރުގެ ކުންފުންޏެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި މިތަކެތި ހުއްޓުމެއްނެތި ރައްޔިތުންނާއި ހަމައަށް ހެޔޮއަގުގައި ލިބޭނޭ އިންތިޒާމްތައްވެސް އެސްޓީއޯއިން އަންނަނީ މެދުނުކެނޑިކުރަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay