logo

ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ!

profile

ޒިދާން މުޙައްމަދު - 25 އޭޕްރީލު 2025 - 08:25

ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވުމަށާއި މާތް ﷲ އަށް ތަޤްވާވެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

https://wamco.com.mv/

މިއަދު އިސްލާމީ މަރުކަޒުގައި ހުކުރުކުރެއްވީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑޮކްޓަރ ޞަލާޙުލް ބުދައިރުއެވެ. އަދި ޝައިޚް ޑޮކްޓަރ ޞަލާޙުލް ބުދައިރު އިއްވެވި ހުކުރު ޚުޠުބާގެ ސުރުޚީގައި ވިދާޅުވީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ!؟" މިފަދައިންނެވެ.

ޚުޠުބާގައި ވަނީ ވޭތުވެ ދިޔަތަނުން ޢިބުރަތް ލިބިގަނެ، މިއަދު އެއާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބެލުމަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ. އަދި އޭރުން އުންމީދުން ފުރިގެންވާ މާދަމާއަކަށް އަލިވިލޭނެކަން ފާހަގަކުރެއްވިއެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."

ޚުޠުބާ އިއްވަވަމުން ޝައިޚް ޑޮކްޓަރ ޞަލާޙުލް ބުދައިރު ވިދާޅުވީ ﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވައިފައި ވަނީ، ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށް ކަމަށާއި އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށް ކަމަށެވެ. ޝައިޚް ވަނީ ބައިބައިވުމާއި ދެބަސްވުންތައް ނަހީކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

މާތް ﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމަށެވެ. ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށެވެ. އެ ކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ." އެބަހީ: ތިޔަބައިމީހުންގެ ވެރިކަން ވެއްޓި، ބާރާއި ނުފޫޛު ނެތިހިނގައިދާނެއެވެ. މާތް ނަބިއްޔާ ޙަދީޘްފުޅުކުރެއްވިކަމަށް ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ.މާނައީ: "ތިޔަބައިމީހުން ޖަމާޢަތާއެކުގައިވާށެވެ! ބައިބައިވުމަށް ބިރުވެތިވާށެވެ! އެހެނީ ޝައިޠާނާ ގާތްކަން ކަށަވަރީ އެކަހެރިމީހާއާއެވެ. އޭނާ ދެމީހުންނާ ދުރުހެލިވުން ބޮޑެއެވެ. ސުވަރުގެއިން އެންމެ މަތިވެރި މަޤާމު އެދޭ މީހާ ޖަމާޢަތާ ވަކިނުވާހުށިކަމެވެ."

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެއެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެއެވެ. ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައިމީހުން ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓާށެވެ!

އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

"ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަޙުމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ. ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ."

އެހެންވީމައި ތިބާއީ އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށް ވާށެވެ! ތިބާގެ ޢިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވާށެވެ! ތިބާގެ މުދަލުން ފަޤީރުންނަށް ހޭދަކުރާށެވެ! ބޮޑެތިމީހުންނަށް އިޙްތިރާމުކުރާށެވެ! ކުޑަކުދީންނަށް އޯގާވެރިވާށެވެ! ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދައްކާށެވެ! ޖަނަވާރުންނަށް ދާންދެން ތިބާ އޯގާވެރިވާށެވެ! ﷲގެ ރަހްމަތާ ކުއްތަންވެގެންވާ މީހުންނީ، އެ ކަލާނގެ ޚަލްޤުތަކުގެ މައްޗަށް އޯގާވެރިވާ މީހުންކަން ދަންނާށެވެ! އެފަދަ މީހުންނަށް މާތް ﷲ ރަހްމަތް ލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެތެވެ. ކަށްވަޅުގެ ޢަޛާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކުރައްވާނެތެވެ. ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެތެވެ.

ابْنُ الْقَيِّمُ -رحمه الله ވިދާޅުވެފައި ވެއެވެ. ﷲ ތަޢާލާއީ އޯގާވެރީންގެ މައްޗަށް އޯގާވެރި ރަސްކަލާނގެއެވެ. އެ ކަލާނގެއީ އަޅުތަކުންގެ ސިއްރުތައް ވަންހަނާކޮށްދޭ މީހުންގެ ސިއްރުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެއެވެ. އެ ކަލާނގެއީ މީސްތަކުންނަށް މަޢާފުކުރާ މީހުންނަށް ގިނަގިނައިން ޢަފޫކުރައްވާ، އެ މީހުންގެ ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. އެއީ އެ ކަލާނގެ އަޅުތަކުން ކުރެ ރަޙުމުހުރި އޯގާވެރީންގެ މައްޗަށް ނުހަނު އޯގާވެރި ރަސްކަލާނގެއެވެ. ހިތް ހަރު، ހަރުކަށި މީހުން ދެކެ ކޯފާވެވޮޑިގެންވާ ރަސްކަލާނގެއެވެ. ކުލުނުވެރީންނަށް ކުލުނުވެރި، ކެތްތެރިކަމަށް ލޯބިކުރައްވާ، މީހުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮ ގޮތް މެދުވެރިކުރައްވާ، ޢަދުލުވެރީން ދެކެ ލޯބިވެވޮޑިގެންވާ ޢަދުލުވެރި ރަސްކަލާނގެއެވެ. ޢުޛުރުވެރިޔާގެ ޢުޛުރު ޤަބޫލުކުރާ މީހުންގެ ޢުޛުރު ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ. އެ ކަލާނގެ އަޅުތަކުންނަށް، މިފަދަ މާތް ސިފަތަކުގެ ސަބަބުން އެއާ އެއްފަދަ ހެޔޮ ޖަޒާ ދެއްވައެވެ. ޢަފޫކުރާ މީހުންނަށް ޢަފޫކުރެއްވުމުންނެވެ. އެ ކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިއްތެވުމުންނެވެ. އަދި މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީޙަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތް ﷲ އެމީހަކު ފަޟީހަތްކުރައްވާހުއްޓެވެ. އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހްރޫމުކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާހުއްޓެވެ. އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާހުއްޓެވެ. އަޅާ މީހަކާ މުޢާމަލާކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ އޭނާއާ މުޢާމަލާ ކުރައްވާހުއްޓެވެ.

ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤެވެ. މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައެވެ. ފަހެ ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވާށެވެ! ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"މީސްތަކުން ކުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން އެންމެ ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ފައިދާހުރި މީހާއެވެ. އަދި ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުމެވެ. ނުވަތަ އޭނާއަށް ޖެހިފައިވާ ބޮޑުކަމެއް ލުއިކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމެވެ. އަހަރެންގެ އަޚާއަށް ޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތްކުރުން މަސްޖިދުއްނަބަވީގައި އިޢުތިކާފަށް އިނުމަށް ވުރެ މާހެޔޮކަން ބޮޑެވެ."

ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލާށެވެ! ތިބާ މުށްބާރުނުކުރާށެވެ! ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބުދޭށެވެ! އޭނާގެ ނިކަމެތިކަމާހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދޭށެވެ. މާތްމީހާގެ ވަޢުދު އަވަހަށް ފުއްދާނެއެވެ. ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭއެވެ. އެއްޗެއް ދޭނެކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ޞަރީޙަ ޖަވާބުދިނުން ހެޔޮކަން ބޮޑެވެ.

މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ މީހުންނަށް ޖެހޭ އުނދަގޫތަށް ދުރުކޮށްދޭ ބައެކެވެ. أبو موسى الأشعري -رضي الله عنه ވިދާޅުވިއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އިސްލާމްދީނުގައި އެންމެ ހެޔޮ މީހަކީ ކާކުތޯއެވެ؟ އެ ކަލޭގގެފާނު ޙަދީޘްކުރެއްވިއެވެ. "އެ މީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ. متفق عليه.

ފަހެ ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް ނުކުރާށެވެ! ދޮގު ބުހުތާން ވާހަކަތައް ނުފަތުރާށެވެ! ދެރަކޮށް، ނިކަމެތިނުކޮށްލާށެވެ! ބަދުބަސް ބުނެ، ލަޢުނަތްދީ، ކާފިރުކޮށް، އެ މީހުންނީ ބިދުޢަވެރީންނާއި ފާސިޤުންކަމުގައި ބުނެ ނޫޅޭށެވެ! އެ މީހުންގެ އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި، ފަޟީޙަތް ނުކުރާށެވެ! އެ މީހުންގެ މުދާ ވަގަށް ނަގައި، ކެހިދީ، އަބުރު ނަގައިލައި، އެ މީހުންގެ ފުރާނަޔަށާއި އަބުރައް އަރައިނުގަންނާށެވެ!

https://etukuri.mv/
https://eportal.mwsc.com.mv/e-pay