
އެޑިއުކޭޝަން މިނިސްޓަރ - ޑރ. އާއިޝަތު އަލީ
ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރިރުކަކަށް ހެދުން: އެޑިއުކޭޝަން މިނިސްޓަރ

އަލީ ޝާމިލް ހަސަން - 05 ޖެނުއަރީ 2023 - 10:43
ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ދަރިވަރަކީ ވެސް ފަސްމީރު ކުރިރުކަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އަލިފުށީ ސްކޫލްގައި ސަރުކާރުން ޢިމާރާތް ކުރި މަލްޓިޕަރޕަސް ހޯލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ލަފާފުޅާއެކު މިނިސްޓްރީން ތަންފީޒު ކުރަމުން ދާ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ކޮންމެ ދަރިވަރަކީ، ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ކެރޭ، މުރާލި، އޯގާތެރި، އަޅާލުންތެރި ދަރިވަރުންތަކަކަށް ހެދުން ކަމަށެވެ. މިފަދަ ދަރިވަރުންނަކީ، އައު ކަންކަން ދަސްކުރުމަށް ޝައުޤު ހުންނަ، މުޅި ޢުމުރުގައި އައުކަންކަން ކިޔެވުމަށް ޝައުޤު ހުންނަ ކުދީންކަން މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އެކްސްޓްރަ ކަރިކިއުލަރ އެކްޓިވީޓަކުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން މިނިސްޓަރ ވިދާޅުވީ މި ފަދަ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި، ރަސްމީ ގޮތުންނާއި އިމްތިޙާނުތަކުން ކިޔަވައިދޭ ތަކެތީގެ އިތުރަށް، އެތައް އައު ކަންތައްތަކަކާ، އާ ހުނަރުތައް ވެސް ދަސްކުރަން ޖެހޭނެ ކަމަށެވެ. އެ ގޮތުން އެކި މީހުންނާ އެކީ މުޢާމަލާތް ކުރާނޭ ގޮތާއި، އެކި ޙާލަތްތަކުގައި އުޅުން ބަހައްޓާނޭ ގޮތާއި، ފުރިހަމަ ޞިއްޙަތެއްގައި ހުންނާނޭ ގޮތް އެނގެންޖެހޭނެކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެ ރަށެއްގެ އެހެން މީހުންނަށް ބޭނުންތެރި ދެތިން އަތު މަސައްކަތާ ހުނަރު ވެސް ދަރިވަރުންނަށް އެނގެންވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ފަސްމީރު ކުރިރުކެކޭ ވިދާޅުވެ، އެ އިޝާރާތް ކުރައްވަނީ އެ ފަދަ ހުނަރުން ފުރިގެންވާ ދަރިވަރުންނަށްކަން މިނިސްޓަރ ފާހަގަ ކުރައްވާފައިވެއެވެ.
މިދައުރުގެ މިހާތަނަށް އައިއިރު ތަޢުލީމީ ދާއިރާގައި ސްކޫލުތަކަށް އުމްރާނީ ތަރައްޤީ ގެނައުމަށް މުޅިއެކު ދުއިސައްތަ އެކާވީސް މަޝްރޫޢު ދަނީ ހިންގަމުންނެވެ.
އޭގެ ތެރޭގައި ޖުމްލަ 1578 ކިލާސްރޫމާއި، 85 މަލްޓިޕާރޕަސްހޯލާއި 509 އެހެނިހެން އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ލެބޯރަޓަރީ، ލައިބްރަރީ، ސްޓާފް ރޫމް، އޮފީސް އިމާރާތް ފަދަ އިމާރާތްތައް ހިމެނެއެވެ.
އަލިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިންގެ އިތުރުން އަލިފުށީ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ޖަމީލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރ. އަލިފުށްޓަށް މިއަދު ފެށްޓެވި މި ދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ ޢާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއަށް އޮތީ ވިޔަފާރިވެރިންގެ ހިތްތަކަށް ތަސައްލީއެއް ލިބޭނެ ދެއަހަރު: މިނިސްޓަރު ސައީދު
ދުވަހެއް ކުރިން
ސިޔާސީ ޕާޓީތަކުން މިހާރު ވަގުތުން ވަކި ވެވޭނެ: އީސީ
3 ދުވަސް ކުރިން

2025: ރާއްޖޭއަށް އިސްލާހީ ބަދަލުތަކެއް ގެނުވި ތާރީހީ އަހަރެއް
3 ދުވަސް ކުރިން

ރައީސް ޑރ މުއިއްޒު މީލާދީ އައު އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ އިސްވެރިންނަށް ފޮނުއްވައިފި
4 ދުވަސް ކުރިން


