logo

ތިލަފުށީގައި އައު ކޮމާޝަލް ޕޯޓު އަޅަން އެހީ ދޭން ތައްޔާރު: މޯދީ

profile

ޝާމާ ޝުޢައިބު - 07 އޮކްޓޯބަރު 2024 - 19:08

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެކު---- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެކު---- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަށް އިންޑިއާގެ އެހީ ދިނުމަށް އެގައުމުން ތައްޔާރު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުފުޅުގެ ތެރެއިން މިއަދު ބޭއްވި ޖޮއިންޓް ޕްރެސްގައި ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ ތިލަފުށީގައި ގާއިމް ކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ މަސައްކަތަށް އިންޑިއާ އިން އެހީތެރިކަން ދޭން އެގައުމު އޮތީ ތައްޔާރަށް ކަމަށެވެ.

އިންޑިއާ އިން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެ މޯދީ ވަނީ އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ހަލުވި ވެގެންދާ ތަން ދެން ފެންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މޯދީގެ ވާހަކައިގައި ވިދާޅުވީ ހދ. އަތޮޅުގައި އިކޮނޮމިކް އެގްރިކަލްޗަރަލް ޒޯނެއް ތަރައްގީކުރުމާއެކު ހއ. އަތޮޅުގައި ޕްރޮސެސިން ފެސިލިޓީއެއް ގާއިމް ކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އޭގެ އިތުރުން އޯޝެނޯގްރަފީ އަދި 'ބްލޫ އިކޮނޮމީ'އާ ގުޅުން ހުރި ދާއިރާތަކުން ވެސް އެ ގައުމުން ރާއްޖެއާ އެކު މަސައްކަތް ކުރާނެ ކަމަށާ، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް މަޝްވަރާ ކުރަން އެއްބަސްވާ ކަމަށް މޯދީ ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓު ގާއިމް ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިމިގެން ދިޔުމަކީ އުއްމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ޕްރެސްގައި ވިދާޅުވެފައެވެ.

މާލޭ ކޮމާޝަލް ހާބަރ ތިލަފުއްޓަށް ބަދަލުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އެކަމާ ގުޅިގެން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިަގަތުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަސައްކަތް ކުރިއަށްގެންދަވަން ފައްޓަވާފައިވާ ކަމަށެވެ. ނިމުނު ސަރުކާރުން މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމާފައިވަނީ ގުޅީފަޅަށްކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ، މިސަރުކާރުގެ ވިސްނުން ހުރީ މާލޭ ކޮމާޝަލް ހާބަރ ތިލަފުއްޓަށް ބަދަލުކުރުމަށްކަމަށެވެ. އެގޮތުން މިހާރު އެކަމާގުޅޭ ޑިޒައިންތަކާއި ޕްލޭންތައް ހަދާ ނިމިފައިވާކަމަށެވެ.

https://int.etukuri.mv/
tel:+9607331319