logo

ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓް ނެގުން ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

profile

މުޙައްމަދު ފަޟްލޫން - 25 މާރިޗު 2026 - 14:41

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ހުއްޓުވުމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

https://wamco.com.mv/

ނަމަވެސް، ހަމަ މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ގާނޫނީ ވަކީލުން ކަމަށްވާ އައިކް އަހުމަދު އީސަ އަދި އިބްރާހިމް ޝިޔާމް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ. މި މައްސަލައިގެ އަޑުއެހުންތައް މާދަމާ ހެނދުނު ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ 15 ދުވަސް ވީއިރުވެސް، އެ ބިލާ މެދު ގޮތެއް ނިންމަވާފައި ނުވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އެ ބިލަކީ ބާތިލު ބިލެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ސަބަބުތަކުގެ ތެރޭގައި، ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގު ނުކުރަން ނިންމަވާ ހާލަތުގައި އަމަލުކުރަންޖެހޭ ކަންތައްތަކެއް ކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި މައްސަލާގައި ހިމެނޭ ބިލު ތަސްދީގު ނުކުރެއްވުމަށް ރައީސް ނިންމެވިކަން އެނގެން ނެތް ކަމަށް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk