
ސުންނަތަށް ލޯބިކުރުން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 08 އޮކްޓޯބަރު 2025 - 04:24
ކީރިތި ޤުރްއާން ޤަބޫލުކުރިއަސް ކީރިތި ރަސޫލާގެ ސުންނަތް ޤަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމަ ނުވާނެކަން ޔަގީނެވެ. އެކަލޭގެފާނުގެ ސުންނަތަށް ލޯބިކުރަންޖެހޭ ސަބަބަކީ މިއީއެވެ.
ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭނގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެކެވެ. އަދި އެ ދީން ޤިޔާމަތާ ހަމައަށްވެސް ރައްކާތެރިކުރައްވާނެކަމަށް ކީރިތިﷲ ވަޢުދުވެވޮޑިގެންވެއެވެ. އެކަލޭގެފާނުގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް އައިސްފައިވާ ރޮނގުންނެވެ. އަދި ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެއެވެ.
ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނެއެވެ. ޤުރްއާން ޤަބޫލުކުރިއަސް ރަސޫލާގެ ސުންނަތް ޤަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ. ކީރިތި ޤުރުއާނާއި ސުންނަތާއި ދެމެދުގައި ވާ ގުޅުމަކީ، ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމައާ ދެމެދުގައި ވާ ގުޅުމެވެ. އެ ދެކަލިމައިގެ ގުޅުން ވަކިނުކުރެވޭނޭ ފަދައިން ކީރިތި ޤުރުއާނާއި ސުންނަތާއި ވަތްކެއްނުކުރެވޭނެއެވެ. ސުންނަތް ދޫކޮށްލައި ހަމައެކަނި އަހަރެމެން ޤަބޫލުކުރާނީ ޤުރްއާނޭ ބުނާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ ވަނީ އުއްމަތަށް ދެއްވައިފައެވެ. އަދި މިފަދަ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވައިފައެވެ.
ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުން ޢަމަލުކުރާންޖެހޭ ހުރިހައި ކަމެއް، މާތްﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫޢަވުމަކާ ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލު ކަމެކެވެ.
މިސާލަކަށް ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ނަމާދު އަދާކުރާންވީ ގޮތުގެ ތަފްސީލު އަހަރުމެންނާ ހަމައަށް އައިސްފައިވަނީ ކީރިތި ރަސޫލާގެ ސުންނަތުންނެވެ.
ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް މުޙައްމަދުގެފާނީ ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހެއެވެ. އަދި އެކަލޭނގެފާނުގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމަކީ ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭ ކަމެކެވެ.
ވީމާ ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތަކީ ހަމައެކަނި ކުރުން ސުންނަތްވެގެންވާ ކަންތަކެއްނޫނެެވެ. އެކަލޭގެފާނުގެ މައްޗައް ބާވާލެއްވި ވަޙީބަސްފުޅުތަކުގެ ޙުކުމްތަކާއި، ވާހަކަތައް، އަދި އިންސާނުންނަށް ކާމިޔާބުލިބޭނެ ކަންތައް ބަޔާންކޮށްދެނީ އެކަލޭގެފާނުގެ ސުންނަތުގައެވެ. އިސްލާމީ ޝަރީޢަތް ސުންނަތާއި ނުލައި ފުރިހަމަނުވާނެއެވެ. ހަމަމިފަދައިން އެކަލޭގެފާނު އުޅުއްވި ގޮތަކީވެސް ސުންނަތެވެ. އެއީ އެކަލޭގެފާނު ހެދުން ތުރުކުރެއްވި ގޮތް ނުވަތަ އެކަހަލަ އެހެން ކަންތައްތަކެވެ. އެކަލޭގެފާނުގެ ޞިފަފުޅުތަކުގެ ތެރެއިން، މާތްﷲގެ ދަރުމައާއި ޘަަވާބަށް އެދި، ނުވަތަ އެކަލޭގެފާނުންދެކެ ވާ ލޯތްބައްޓަކައި އެކަލޭގެފާނު އެކަމެއް ކުރައްވާފައިވާގޮތަށް ކުރުމަކީ ދަރުމައާއި ޘަވާބު ލިބޭނެ ކަންތައްތަކެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވިއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ." (الأحزاب 21).
މާތްﷲ ވަނީ ކީރިތި ރަސޫލާއަށް ތަބަޢުވުމަށް އަމުރު ކުރައްވާފައެވެ. ވީމާ އެކަލޭގެފާނަށް ތަބަޢުވުމަކީ މުސްލިމުންގެ މައްޗައް ވާޖިބުކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ:" ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކާފިރުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (آل عمران 32). ވީމާ، އަޅުގަނޑުމެން ޢާޚިރަތުގެ ޘަވާބާއި ދަރުމައަށް އެދޭނަމަ، އެކަލޭގެފާނަށް ތަބަޢުވާންޖެހެއެވެ.