logo
ރެއާލް މެޑްރިޑާއި ސޮސިއެޑާޑް ވާދަކުރި މެޗުގެ ތެރެއިން .

ރެއާލް މެޑްރިޑާއި ސޮސިއެޑާޑް ވާދަކުރި މެޗުގެ ތެރެއިން .

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ރެއާލް މެޑްރިޑުން ސޮސިއެޑާޑް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 13 ސެޕްޓެމްބަރު 2025 - 18:43

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑައި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

https://wamco.com.mv/

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި މަޔޯކާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ރެއާލް ސޮސިއެޑާޑް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް އޮވިއެޑޯ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ޑީން ހުއިސަންއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ރެއާލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އެޓީމުން ކާމިޔާބުކުރީ ޒުވާން މިޑްފީލްޑަރު އަޑާ ގުލާއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް ސޮސިއެޑާޑް ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރިގަދަކުރިއިރު، އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މިކޭލް އޮޔަޒެބަލް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ސޮސިއެޑާޑުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިނަތިޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުންް ވެސް މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، މިމެޗުން ބަލިވި ރެއާލް ސޮސިއެޑާޑް ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލިގެ 17 ވަނައިގައެވެ.

https://etukuri.mv/
https://www.aslu.com.mv