
ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވަން ފަށައިފި

އާމިނަތު ޝަޒްލާ - 08 ސެޕްޓެމްބަރު 2026 - 12:13
އިންޑޮނޭޝިއާގެ އަނަކް ކްރަކަތައޮ އަލިފާން ފަރުބަދައިން ބޭރުވި އަޅީގެ ސަބަބުން ވައިގެ ސަރަޙައްދު ނުސާފުވެ، ވައިގެ ދަތުރުފަތުރަށް ނުރައްކާވުމާ ގުޅިގެން ބަންދުކުރި އެ ޤައުމުގެ މައި އެއާޕޯޓު ކަމުގައިވާ ޖަކާޓާގެ ސުކަރްނޯ-ހައްތާ އެއާޕޯޓާއި އިތުރު ހަތަރު އެއާޕޯޓެއް އަލުން ހުޅުވައިފިއެވެ.
އަލުން ހުޅުވި އެއާޕޯޓުތަކުގެ ތެރޭގައި ޖަކާޓާގެ ކުޑަ އެއާޕޯޓަކާއި ބަންޑުންގގެ އެއާޕޯޓު ވެސް ހިމެނެއެވެ.
ޖާވާ އަދި ސުމަތުރާ ކަނޑުއޮޅީގެ މެދުގައި އޮންނަ މި ފަރުބަދަ ސެޕްޓެންބަރު 4 ވަނަ ދުވަހު ގޮވަން ފެށުމާ ގުޅިގެން ޖުމްލަ އަށް އެއާޕޯޓެއް ބަންދުކުރަން ޖެހުނެވެ. އަދި މި ހާދިސާގެ ސަބަބުން 340،000 އަށް ވުރެ ގިނަ ފަސިންޖަރުންގެ ދަތުރުތަކަށް ވަނީ ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެފައެވެ.
ވައިބާރުވެ، ޖައްވުގެ ތެރެއަށް ފެތުރިފައިވާ އަޅިތައް ސާފުވާން ފަށާފައިވީ ނަމަވެސް، އެއާޕޯޓުތަކުގައި ތާށިވި 178 މަތިންދާބޯޓު އަލުން ދަތުރުކުރުމަށް އެކަށީގެންވޭތޯ ބަލައި ޗެކްކުރުމަށް ވަގުތު ބޭނުންވާނެ ކަމުގައި އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޑޫޑީ ޕުރްވަގަންދީ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން އިންޑޮނޭޝިއާ ނޭޝަނަލް އެއާ ކެރިއާސް އެސޯސިއޭޝަން (އައިއެންސީއޭ) ގެ ސެކްރެޓަރީ ޖެނެރަލް ބާޔޫ ސުތާންތޯ ވިދާޅުވީ، ދަތުރުތައް ކެންސަލްވުމާއި، މަގު ބަދަލުކުރުމުގެ ސަބަބުން ހިނގާ ތެލުގެ ޚަރަދާއި، ފަޅުވެރިންގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އެއާލައިންތަކަށް ދުވާލަކު 1 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެދާނެ ކަމަށެވެ. އަދި އެންމެ ބޯޓެއްގެ ދަތުރު ލަސްވިޔަސް، އެ ބޯޓުން ދެން ކުރަން ހަމަޖެހިފައިވާ ތިން ނުވަތަ ހަތަރު ދަތުރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ދަނޑިވަޅުގައި، ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ހެނދުނު ވެސް އަނަކް ކްރަކަތައޮ އަނެއްކާ ވެސް ތިން ފަހަރަށް ގޮވާފައިވާ ކަމަށް އެ ޤައުމުގެ އަލިފާން ފަރުބަދަތައް މޮނިޓަރުކުރާ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ކުރީގެ ގޮވުންތަކަށް ވުރެ މި ފަހަރުގެ ގޮވުންތައް ކުޑަ ނަމަވެސް، އަޅި ބުރައިގެންދިޔަ އުސްމިނަށާއި ވައިގެ މިސްރާބަށް ބަލައި ދަތުރުތަކަށް އަދިވެސް އަސަރުކޮށްފާނެ ކަމުގެ އިންޒާރު އެ އިދާރާއިން ދެއެވެ. އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އޭޖެންސީގެ ވެރިޔާ ލަނާ ސާރިޔާ ވިދާޅުވީ ކުރީގެ ގޮވުންތަކާ އަޅައިބަލާއިރު މީގެ އަސަރު ކުޑަ ނަމަވެސް ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ދުނިޔޭގެ ބިންހެލުންތައް ގިނަ 'ޕެސިފިކް ރިންގް އޮފް ފަޔަރ' ސަރަޙައްދުގައި އޮންނަ އިންޑޮނޭޝިއާގެ ހަރަކާތްތެރި 130 އަލިފާން ފަރުބަދައިގެ ތެރޭގައި އަނަކް ކްރަކަތައޮ ހިމެނެއެވެ. މި ފަރުބަދަ ގޮވަން ފެށުމާއެކު، ޖާވާގެ އިރުމަތީގައިވާ އިތުރު ދެ އަލިފާން ފަރުބަދައެއް ވެސް ގޮވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނަކް ކްރަކަތައޮ އަކީ 1883 ވަނަ އަހަރު އުފެދުނު ފަރުބަދައެކެވެ. އޭގެ ކުރިން އެ ސަރަޙައްދުގައި ހުރި 'ކްރަކަތައޮ' މައި އަލިފާން ފަރުބަދަ ގޮވައި، ފުނޑުފުނޑުވި ބާރުގަދަ ހާދިސާގައި އުފެދުނު ސުނާމީއެއްގައި 36،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި
15 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ
2 ދުވަސް ކުރިން

ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު
2 ދުވަސް ކުރިން

ދިރާގާއި އެމްޑަބްލިޔުއެސްސީން ވިއްކާލި ހިއްސާތައް ސަރުކާރަށް އަނބުރާ ގަންނަނީ
2 ދުވަސް ކުރިން


