
ކައުންސިލް އިންތިހާބުގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 4،429 މީހުންނަށް

ޖިނާން ޙުސައިން ޖަބީން - 13 އޮކްޓޯބަރު 2026 - 11:28
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4،429 މީހަކަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އަންނަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން، ދިވެހި ސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓުގެ އިތުރުން އިންތިހާބު ބާއްވާ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ލިސްޓު ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި (VR space IDNO) ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްގެން ވެސް ވޯޓުލެވޭތޯ ޔަގީންކުރެވޭނެއެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތަފްސީލަށް ބަލާއިރު:
- ވ. ތިނަދޫ: 185 މީހުން
- ހއ. ވަށަފަރު: 688 މީހުން
- ނ. ކުޑަފަރި: 653 މީހުން
- ސ. ހުޅުދޫ: 2،903 މީހުން
އީސީން މައުލޫމާތު ދީފައިވާ ގޮތުގައި، ވޯޓާސް ލިސްޓަށް އެއްވެސް ޝަކުވާއެއް ނުވަތަ އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ، މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި ލިސްޓަށް ނަމެއް އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް އެދޭނަމަ އެކަން ސާބިތުވާނެ ރަސްމީ ލިޔެކިޔުން ހުށަހަޅަންޖެހޭނެ ކަމަށާއި، ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންވާނީ އެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
މި ފަހަރުގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށާއި، ހއ. ވަށަފަރު، ނ. ކުޑަފަރި، ވ. ތިނަދޫ އަދި ސ. ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށެވެ.
މި އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ކެންޑިޑެންސީއާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި އިދާރީ ފީ ދެއްކުމުގެ ކަންކަން ކުރިއަށްދާނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށެވެ. މީގެއިތުރުން، އިންތިހާބާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފޯމު މެދުވެރިކޮށް އަށް އީމެއިލް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބައި-އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް، ނަތީޖާ ގުނަން ފަށައިފި
14 ގަޑިއިރު ކުރިން

މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ނިސްބަތުން މަދު!
15 ގަޑިއިރު ކުރިން

އީސީގެ ރައީސް ޝަކީލުގެ މައްސަލައެއް ފުލުހަށް ހުށަހަޅަނީ
2 މަސް ކުރިން
ރަކީދޫ ޑަބްލިއުޑީސީގެ ރައީސާ ކަމަށް އެކަކުވެސް ކުރިމަތިނުލުމުން އަލުން މި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
5 މަސް ކުރިން


