
ވ. ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރުމަށް ހުޅުވާލައިފި

ޖިނާން ޙުސައިން ޖަބީން - 11 އޮކްޓޯބަރު 2026 - 12:44
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޝުޖާއު އަލީ، ޕާޓީ ބަދަލުކުރެއްވުން، ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން، އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ހުސްވެފައިވާ ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރަން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަޖައްސާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 11 ވާ އާދީއްތަ ދުވަހުން ފެށިގެން އޮކްޓޯބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ. އަދި މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ޝުޖާއު އަލީ އިންތިހާބުވެވަޑައިގެންނެވީ "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައެވެ. ނަމަވެސް، ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން އެ ޕާޓީ އުވައިލިކަން އީސީން އެންގުމާ ގުޅިގެން، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެހެންކަމުން، އިންތިހާބުވި ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވެއްޖެނަމަ މަގާމު ގެއްލޭނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައަޅާފައިވާތީ، ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭ އިން ނިންމިއެވެ.
އެއާއެކު ޝުޖާއު ވެގެންދާނީ ޕާޓީ ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގައި މަގާމު ގެއްލުނު ފުރަތަމަ ކައުންސިލަރެވެ.
މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ޝުޖާއު މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ދަ ޑިމޮކްރެޓްސް އުވާލުމާ ގުޅިގެން ކަމަށާއި، ޕާޓީއެއް އުވައިލުމުގެ ސަބަބުން އެހެން ސިޔާސީ ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ޝުޖާއު މި މޭރުމުން ވިދާޅުވެފައިވާއިރު، އެލްޖީއޭ އިން އޭނާގެ ގޮނޑި ގެއްލުނު ކަމަށް ރަސްމީކޮށް ކަނޑައެޅުމުގެ ކުރިން ވެސް އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ.
ޝުޖާއުގެ ގޮނޑި ގެއްލުވައިލީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، މި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާއަށް އައު މެންބަރަކު އިންތިހާބު ކުރުމުގެ މަސައްކަތް ފަށައިފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ބަޖެޓަށްވުރެ ހަރަދުތައް އިތުރުވި ކަމަށް ދައްކާ ސަބަބު އެލްޖީއޭއިން ސާފުކޮށްދީފި
3 ދުވަސް ކުރިން
ޕީއެންއެފްގެ މެމްބަރުން އެހެންޕާޓީތަކަށް ބަދަލެއް ނުކުރަން: އީސީ
23 ދުވަސް ކުރިން
ވޯޓަކީ އަމާނާތެއް: އީސީގެ ރައީސް ޝަކީލް
2 މަސް ކުރިން

ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމާއި ގުޅޭ އާ އުސޫލު އޮތީ ގެޒެޓް ކުރުމުގެ މަރުހަލާގަ: އީސީ
2 މަސް ކުރިން


