logo

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނޭޕާލާއި، އިންޑިޔާއިން 70 މީހުން މަރުވެއްޖެ!

profile

ރިޟްވާން މޫސާ - 27 ސެޕްޓެމްބަރު 2026 - 18:02

ދެކުނު އޭޝިއާގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއި ތޫފާންތަކުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ހިނގައި، މިހާތަނަށް 70 މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯރޓްތައް ބުނެފި އެވެ.

https://wamco.com.mv/

ދެކުނު އޭޝިޔާ ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކޯރުތަކުގެ ފެންގަނޑު ބަންޑުންވެ ކިސަޑު ފޭބުމާއެކު ސަލާމަތީ ގޮތުން ނުރައްކާވާ ވަރުގެ އެތަކެއް ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.

ފެނުގެ ޚިދުމަތާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ގަންގާ، ގަންޑަކް، ކޯސީ، ބާގްމަތީ އަދި ނަރުމަދާ ފަދަ ބޮޑެތި ކޯރުތަކުގެ ފެންގަނޑު މިހާރު ވަނީ ނުރައްކަލުގެ މިންގަނޑަށްވުރެ މައްޗަށް އުފުލިފައެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ސަލާމަތީ އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ހިންގައި، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ދަނޑުބިންތަކާއި ގޮވާމަށް ލިބުނު ގެއްލުންތައް ވަޒަންކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކަމާގުޅޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ނޭޕާލުގެ ނޭޝަނަލް ޑިސާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީގެ ތަރުޖަމާނު ޝާންތީ މަހާތު ވިދާޅުވީ، އެގައުމުގެ 77 ޑިސްޓްރިކްތަކުގެ 49 ޑިސްޓްރިކަށް ވަނީ ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މީޑިޔާ ރިޕޯރޓްތައް ބުނާގޮތުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ މި ހާދިސާ އާއި ގުޅިގެން މިހާތަނަށް އިންޑިޔާ އިން އެކަނިވެސް 56 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރެކޯރޑް ކުރެވިފަ އެވެ. އަދި މީގެ އިތުރުން މި ހާދިސާތަކުގައި ނޭޕާލުން ވަނީ 14 މީހަކު މަރުވެފައިވާ ކަމަށް ކަމާއިބެހޭ އިދާރާތަކުން ރިޕޯރޓް ކޮށްފަ އެވެ.

މި ސަރަހައްދު ތަކުގެ މޫސުމާއިބެހޭ އިދާރާތަކުން ވަނީ އަދިވެސް ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ހާދިސާތައް ހިނގައިފާނެ ކަމަށް ލަފާކުރެވޭ ކަމުގެ އެލާރޓްތަކެއްވެސް ނެރެފަ އެވެ. އެހެން ކަމުން މި ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ވެސް އިދާރާތަކުން ވަނީ އިންޒާރު ދީފަ އެވެ.

ރިޕޯރޓްތައް ބުނާގޮތުން މިހާތަނަށް ހަމައެކަނި ނޭޕާލުން މި ހާދިސާ އާއި ގުޅިގެން ވީނުވީ އެއް ނޭނގި 11 މީހަކު ގެއްލިގެން ރިޕޯރޓްކޮށްފައިވެ އެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ރިލީފް ކޮމިޝަނަރު ރިޝީކޭޝް ބާސްކަރު ޔަޝޯދް ހާމަކުރެއްވި ގޮތުގައި، ސެޕްޓެމްބަރު 25 އިން 27 ގެ ނިޔަލަށް އެ ސްޓޭޓަށް 66.5 މިލީމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

އާންމުގޮތެއްގައި އެ މުއްދަތުގައި އެ ސަރަހައްދަށް ވެހެނީ އެންމެ 7.6 މިލީމީޓަރުގެ ވާރޭއެވެ. މި ހާދިސާތަކުގައި އިންޑިއާއިން މަރުވި މީހުންގެ އިތުރުން 46 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 1،000 އަށްވުރެ ގިނަ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި ހާދިސާތަކާއި ގުޅިގެން އެ ދެގައުމުގެ ހާދިސާ ހިނގާފައިވާ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ހާދިސާތައްވެސް ދަނީ ކުރިމަތިވަމުންނެވެ.

https://wamco.com.mv/
tel:+9607331319