
ޕްރެޝަރުގައި އުސްއިމާރާތްތަކަށް ފެންލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ސިޓީކައުންސިލުން ތައްޔާރުވެެއްޖެ

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 18:55
މާލޭގެ އުސް ޢިމާރާތްތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.
އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފެން ލިބުމުގެ ދަތިތައް ހައްލުކުރަން އެ މައްސަލަ މާލެ ސިޓި ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޒެވެ.
ހަފްތާ ބަންދު ދުވަސްތަކާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ޕީކް ގަޑިތަކުގައި އުސް ޢިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
ބައެއް ގެތަކަށް އެއްގޮތަކަށްވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އޮތް މާލީ ބުރައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ،1 ވަނަ ފްލޯގައި އުޅޭ މީހާއާއި ހަވަނަ ފްލޯގައި އުޅޭ މީހާވެސް އެމް.ޑަބްލިއު.އެސް.ސީ އަށް ފެނުގެ ޓެރިފް ރޭޓުން ދައްކަނީ އެއްވަރެއް ކަމަށެވެ.
އެހެން ނަމަވެސް 6 ވަނަ ފްލޯއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 އަށް ވުރެ ގިނަ ރުފިޔާގެ މާލީ ތަކުލީފެއް އުފުލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށާއި، މިއީ މެދުފަންތީގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ޑެޕިއުޓީ މޭޔަރު ވަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފައެވެ.
ސޭފްޓީ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.
ޑެޕިއުޓީ މޭޔަރުގެ މި ހުށަހެޅުއްވުމަށް މާފަންނު އިތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ވަނީ ތާއީދުކުރައްވާފައެވެ.
މިކަމާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވެސް ވަނީ މި މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުހަނު ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވައި، މިކަމުގައި އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ދައުލަތް ޑިފޯލްޓް ވާކަށް ނޭދެން: ރައީސް ނަޝީދު
2 ގަޑިއިރު ކުރިން

24 ރަށެއްގައި 50 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށަނީ
2 ގަޑިއިރު ކުރިން

ބީއެމްއެލްއިން ލިވްއެބޯޑް ފައިނޭންސް ތައާރަފުކޮށްފި
6 ގަޑިއިރު ކުރިން

2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)