
ސައިބަރ ސެކިއުރިޓީގެ ބިލަށް ޚިޔާލު ހުށަހެޅުން ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް!

އާމިނަތު ޝަޒްލާ - 18 ޖޫން 2026 - 06:43
ސައިބަރ ސެކިއުރިޓީގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.
މި ބިލަށް ޚިޔާލު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 17 އިން ފެށިގެން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހަމަޖައްސާފައެވެ. ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ބިނާކުރުމެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ސައިބަރ ސެކިއުރިޓީގެ ވަކި ޚާއްޞަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ލައިސަންސެއް ހޯދަންޖެހޭނެއެވެ. އަދި ލައިސަންސް ނެތި މިފަދަ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތައް 50,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މި ޤާނޫނުގެ ދަށުން ލިބިދެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ކަންކަން ވިލަރެސްކުރުމަށް "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި ރަސްމީ އިދާރާއެއް އުފެއްދުމަށް ބިލުގައި ވަނީ ހިމަނާފައެވެ. މި އެޖެންސީގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ސިޔާސަތުތައް ކަނޑައަޅާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.
މި ބިލުގެ ދަށުން ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީގެ މިންގަނޑުތައް އެކުލަވާލައި، ދައުލަތުގެ އިދާރާތަކާއި އަމިއްލަ މުއައްސަސާތަކުގެ އިންފޮމޭޝަން ސިސްޓަމްތަކާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާނެއެވެ. ހަމައެއާއެކު، ރާއްޖެއާއި ރާއްޖޭއިން ބޭރުން ކުރިމަތިވެދާނެ ސައިބަރ ނުރައްކާތައް ދެނެގަނެ، އެފަދަ ހާދިސާތަކުން ދިފާޢުވުމަށާއި، އަވަސް އިޖާބައެއް ދެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ބިލު ތަޞްދީޤުވުމާއެކު ޤާއިމުކުރެވިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
34 މިނިޓު ކުރިން

ވަޒީފާ ބުރާސްފަތި މުޒާހަރާއަކީ ސަރުކާރު ވައްޓާލަން ކުރާ ކަމެއް ނޫން: ރައީސް ނަޝީދު
35 މިނިޓު ކުރިން

ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން އެނގެންޖެހޭ: އާދަމް ޝަރީފް
35 މިނިޓު ކުރިން

ހުސައިން ޢަބްދުއްރަޙްމާން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
36 މިނިޓު ކުރިން


.gif&w=3840&q=75)