logo
ހޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަންގެ ވެރިރަށް ސަންޢާގެ ޢަޞްރު އަވަށަށް، ސަޢޫދީން ދިން ކަމަށް ރިޕޯޓުކުރެވޭ ވައިގެ ހަމަލާއެއްގެ ސަރަޙައްދުގައި، ލިބުނު ގެއްލުންތައް ބަލައި ހަދަމުންދާ މީހެއް،، ފޮޓޯ؛ އަލް ޖަޒީރާ

ހޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަންގެ ވެރިރަށް ސަންޢާގެ ޢަޞްރު އަވަށަށް، ސަޢޫދީން ދިން ކަމަށް ރިޕޯޓުކުރެވޭ ވައިގެ ހަމަލާއެއްގެ ސަރަޙައްދުގައި، ލިބުނު ގެއްލުންތައް ބަލައި ހަދަމުންދާ މީހެއް،، ފޮޓޯ؛ އަލް ޖަޒީރާ

ހޫޘީން ސައުދީއަށް ދިން މިސައިލްތަކާއި ޑްރޯން ހަމަލާތަކެއް ހުއްޓުވައި، ނައްތާލައިފި

profile

އާމިނަތު ޝަޒްލާ - 25 އޮކްޓޯބަރު 2026 - 11:48

ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒާއި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކަކާއި މިސައިލްތަކެއް ސައުދީ ކޯލިޝަނުން ހުއްޓުވައި ނައްތާލާފައިވާ ކަމަށް އަލް ޖަޒީރާ ނޫހުން ރިޕޯޓުކޮށްފިއެވެ.

https://wamco.com.mv/

މި ހަމަލާތަކަކީ ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.

ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ އާދީއްތަ ދުވަހު ވިދާޅުވީ، އެ ދުވަހުގެ ހެނދުނު ރިޔާޒަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލަކާއި، ރިޔާޒު ހިމެނޭ ސަރަހައްދަށް ފޮނުވާލި ޑްރޯނެއްގެ އިތުރުން، ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ ހަމީސް މުޝައިތަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ކޯލިޝަންގެ ފައުޖުތަކުން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން ސައުދީގެ ވެރިރަށުގެ ތެރެއިން ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި 10 ބެލިސްޓިކް މިސައިލް ވެސް ކާމިޔާބުކަމާއެކު ވަނީ ހުއްޓުވާލާފައެވެ.

މި ހަމަލާތައް ދީފައިވަނީ މިމަހުގެ ކުރީކޮޅު ހޫޘީން (އަންސާރުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ހަތިޔާރު އެޅި ޖަމާއަތް) ދިން ނުރައްކާތެރި ހަމަލާތަކަށްފަހު، ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ޓާމިނަލެއްގެ މަސައްކަތް އަލުން ފަށާފައިވަނިކޮށެވެ. އޮކްޓޫބަރު 10 ވަނަ ދުވަހު ހޫޘީން ދިން ހަމަލާއެއްގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވުމާ ގުޅިގެން، އެއާޕޯޓުގެ އޮޕަރޭޝަންތައް އޮތީ މެދުކަނޑާލާފައެވެ. ރިޔާދު އެއާޕޯޓުން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން ޓާމިނަލް 2 އިން ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފަށާނެ ކަމަށާއި، ޓާމިނަލް 1 ޚާއްސަކުރާނީ އެތެރޭގެ އުދުހުންތަކަށް ކަމަށެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވެފައިވަނީ، ރިޔާދުގެ ކިންގް ޚާލިދު އެއާޕޯޓަކީ "ރައްކާތެރި ތަނެއް ނޫން" ކަމަށާއި، އެއީ އީރާނުގެ އެހީ ލިބޭ ހޫޘީ ޖަމާޢަތުގެ "އަސްކަރީ އަމާޒެއް" ކަމަށެވެ. އެގޮތުން، ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ބައިނަލްއަޤުވާމީ، ސަރަހައްދީ އަދި އެއާލައިންތަކުގެ އިތުރުން މުވައްޒަފުންނާއި ދަތުރުވެރިންވެސް ކިންގް ޚާލިދު އެއާޕޯޓު ބޭނުންނުކުރުމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. އެއީ އެމީހުންގެ އަސްކަރީ އަމާޒެއް ކަމަށާއި، އެއާޕޯޓުގައި ހިންގާ އެއްވެސް އޮޕަރޭޝަނެއްގެ ނަތީޖާއަށް ސަޢޫދީ ސަރުކާރުން ޒިންމާވާންޖެހޭނެ ކަމަށްވެސް ޔަހްޔާ ސަރީ ވަނީ ހާމަކުރައްވާފައެވެ.

ހޫޘީ ޖަމާއަތުން ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާގެ ތިން އެއާޕޯޓަކަށް އެ ޖަމާއަތުން ވަނީ ހަމަލާ އަމާޒުކޮށްފައެވެ. މީގެ ތެރޭގައި ވެރިރަށް ރިޔާޟްގައި ހުންނަ އެއާޕޯޓެއްގެ އިތުރުން، ހަކަތަ އުފައްދާ މަރުކަޒުތަކަކާއި، ތެޔޮ ހޮޅިއަކާއި އަދި ވައިގެ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ. ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސް އެޖެންސީން ހާމަކުރި ގޮތުގައި، ހޫޘީން ފޮނުވާލި ދެ މިސައިލެއް ހުއްޓުވުމާ ގުޅިގެން މައްކާ އާއި މަދީނާ ސަރަހައްދަށް ވެއްޓުނު ބައިތަކާ ގުޅިގެން އެ އިދާރާއިން ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް، އިސްލާމްދީނުގެ އެންމެ މުގައްދަސް ދެ ރަށް ކަމަށްވާ މައްކާ އާއި މަދީނާއަށް އަމާޒުކޮށް ހަމަލާދިން ކަމަށް ބުނާ ބުނުމަކީ ބޮޑު އިތުރުފުޅެއް ކަމަށް ބުނެ ހޫޘީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޔަމަނުގެ މަސްރަހަށް ބަލާއިރު، ތާއިޒް ސިޓީގެ މަތިން ފެންނަން އޮންނަ އިސްތިރާޖީ ގޮތުން މުހިންމު ފަރުބަދައެއް ކަމަށްވާ ޖަބަލް ސަބްރަށް ހޫޘީ ހަނގުރާމަވެރިން ވަނީ އާދީއްތަ ދުވަހު ކުރިއަރާފައެވެ. މި ސަރަހައްދަކީ މިހާރު ހޫޘީންނާއި ޔަމަނުގެ ސަރުކާރު ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާބަދަލުކުރުންތަކެއް ހިނގަމުންދާ މައިގަނޑު މަރުކަޒެވެ. ހޫޘީން ވަނީ ތާއިޒް ސިޓީ ހިސާރުކޮށް، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކަރުގެ ވަގުތީ ވެރިރަށް ކަމަށްވާ އަދަނަށް ދާ މައި މަގު ބަންދުކޮށްފައެވެ.

މި ހިސާރުގެ ސަބަބުން ތާއިޒްގައި ތާށިވެފައި ތިބި 800،000 (އަށް ލައްކަ) އެއްހާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮތް ވަގުތު ކުޑަތަންވަމުންދާ ކަމަށް އދ. އިން ވަނީ އިންޒާރު ދީފައެވެ. ހަމައެއާއެކު، ޔަމަނުގެ ސަރުކާރު ސިފައިން ބުނާ ގޮތުގައި ހޫޘީންގެ އަމާޒުތަކަށް ހޮނިހިރު ދުވަހު 700 އަށް ވުރެ ގިނަ އަސްކަރީ ހަރަކާތްތައް ހިންގާފައިވާ އިރު، މި ހަމަލާތަކުގައި ހޫޘީންގެ 300 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ފަރާތުން ދައުވާކުރެއެވެ.

ފަހަކަށް އައިސް ޔަމަނުގެ އެކި ސަރަހައްދުތަކުގައި ސަރުކާރުގެ ފައުޖުތަކާއި ހޫޘީ ހަނގުރާމަވެރިންގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. މީގެ ސަބަބުން އެ ގައުމުގައި އިންސާނީ ކާރިސާއެއް އުފެދި، ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ އިތުރަށް ގޯސްވެގެން ދިޔައީ، މިދިޔަ މަހު ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުގެ އަތުން، ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދުތަކެއް ހޫޘީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ.

ޔަމަނުގެ ސަރުކާރު ފައުޖުތަކާ ގުޅިގެން މަސައްކަތްކުރާ ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގައި އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ބޭރުކުރާ އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މި ހަމަލާތަކުގެ ސަބަބުން ވިޔަފާރިތަކަށާއި، އެއާލައިންތަކުގެ ދަތުރުފަތުރަށާއި، އާންމު ދިރިއުޅުމަށް ބުރޫއަރައި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ތަސައްވުރަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

https://wamco.com.mv/
tel:+9607331319