
ރ. އިންމާދޫ ސްކޫލްގެ ގޯތި ތެރެއިން، ކްލާސްރޫމްތައް ފެންނަ ގޮތް --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު
މުދައްރިސުންގެ އަޚްލާޤު
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 03 ސެޕްޓެމްބަރު 2025 - 06:52
ކިޔަވާކުދިންނަކީ ޤައުމުގެ މުޅި މުސްތަޤުބަލު އެބަޔަކާ ގުޅިފައިވާ ބައެކެވެ. މާދަމާ މުޖުތަމަޢަށް ނިކުންނަން ތިބި ހަރުދަނާ ޒުވާނުންނެވެ. ޒިންމާދާރު ވަޒީފާތަކުގެ ޙައްޤުވެރިންނެވެ. ދިވެހި ޤައުމު ހިންގަންތިބި ވެރިންނެވެ. މިފަދަ އަގުހުރި ބަޔަކަށް ކިޔަވާ ކުދިން ވީހިނދު އެކުދިންނަކީ އެފަދަ ކަމަކަށް ޤާބިލް މުޖުތަމަޢު ޤަބޫލު ކުރާ އަޚުލާޤީ މިންގަނޑު ތަކެއްގެ ވެރި ބަޔަކަށް ވާންޖެހެއެވެ. ދުރޫސުލް އަޚުލާޤުގެ މަތިވެރި ސިފަ ލިބިގެންވާ ބަޔަކަށް ވާންޖެހެއެވެ. މިފަދަ ބަޔަކަށް ދަރިވަރުން ހެދޭނީ އެފަދަ ސިފަތަކުގެ ވެރި މުދައްރިސުންނަށެވެ.
މުދައްރިސެއްގެ އަޚްލާޤަކީ އުނގެނުމުގެ ހެޔޮ މާޙައުލެއް ބައްޓަންކުރުމާއި ދަރިވަރުންގެ ކާމިޔާބީ އާލާކުރުމަށް އަސާސެކެވެ. އާންމު އަޚްލާޤާއި މުދައްރިސުންގެ މަސައްކަތުގެ އަޚްލާޤުވެސް މީގައި ހިމެނޭ ގޮތުންނެވެ. މަސައްކަތުގެ އަޚްލާޤަށް ބަލާއިރު އެއީ ޒިންމާދާރުކަމާއެކު މަސައްކަތުގެ މާހައުލެއްގައި ފަރުދެއްގެ ސުލޫކަށް މަގުދައްކައިދޭ އަޚްލާޤީ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކެކެވެ. މުދައްރިސުންނަށް މި އުސޫލުތައް ބިނާވެފައިވަނީ ޚިދުމަތްތެރިކަމާއި، ޒިންމާދާރުކަމާއި، ތެދުވެރިކަމާއި، އިޙްތިރާމާއެކު ކުރިއެރުން ކުރިއަށް ގެންދިއުމަށް ވަޢުދުވުމުގައެވެ.
މުދައްރިސުންގެ ޒިންމާއަކީ ހަމައެކަނި ޢިލްމު ފޯރުކޮށްދިނުން ކަމުގައި ނުދެކި، ދަރިވަރުންނަށް ނަމޫނާ އަގުތައް ދައްކުވައިދޭ ނަމޫނާއަކަށް ވުމެވެ. މުދައްރިސެއްގެ މަސައްކަތުގެ އަޚްލާޤުން ދަރިވަރުންނާއި، އެކުވެރިންނާއި، އަދި މުދައްރިސްކަމުގެ ޒިންމާއަށް ކުރާ އިޙްތިރާމް ދައްކުވައިދޭއިރު، އިތުބާރާއި ދެފަރާތުގެ ވިސްނުމުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއް އުފެދެއެވެ.
މައިންބަފައިންނާއި މުދައްރިސުން އަޚްލާޤު ނުބައި ބަޔަކަށް ވެއްޖެނަމަ ދަރިންގެ ތަރުބިއްޔަތަށް އޭގެ ނުރަނގަޅު އަސަރުކުރާނެއެވެ. އަހުރެމެންގެ ހުރިހާ ކަމެއް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށެވެ. ޢިލްމު ފެތުރުމާއި އުންގަންނައިދިނުމުގައިވެސް މެއެވެ. އެހެންކަމުން އަހަރަމެންގެ ގެއާއި މަދަރުސާތަކުގެ ވެށްޓަކީ ވެސް ދަރިވަރުންގެ އީމާންކަމާއި، އަޤީދާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހެއެވެ. އެއީ ކުދިންގެ ތައުލީމާއި ތަރުބިއްޔަތުގައި، ގެއާއި މަދަރުސާ އަދި އެތަންތަނުގެ އަހުލުވެރީންގެ ޙިއްސާގެ ބޮޑުކަމުންނެވެ.
ދަރިން ނަމޫނާއަކަށް ބަލާނީ، މައިންބަފައިންނާއި މުދައްރިސުންނެވެ. އެމީހުންގެ އަމަލުތައް އީމާންކަމުން ޒީނަތްތެރި ނުވާނަމަ، ނުވަތަ އެއީ، އަޚުލާގު ނުބައި ބަޔަކަށް ވެއްޖެނަމަ، ދަރިންގެތަރުބިޔަތަށް އޭގެ ނުރަނގަޅު އަސަރު ކުރާނެއެވެ. ކުޑަކުދިންނާއި ޒުވާނުންގެ އީމާންތެރިކަން ހަރުދަނާކުރަން ބޭނުންވާ ނަމަ، ގައުމުގެ ތައުލީމީ ފަލްސަފާއާއި ގައުމީ މަންހަޖު ހަރުދަނާކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް އެ މަންހަޖު ތަންފީޒު ކުރެވޭނެ ގޮތްތަކެއް ރާވަންޖެހެއެވެ. އެކަންކުރުމުގައި މުދައްރިސުންގެ ދައުރު ބޮޑެވެ.
ކުއްޖާގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފުރަތަމަ މަދަރުސާއަކީ ދިރިއުޅޭ ގެއެވެ. އެކުއްޖާގެ އަލަތު މުދައްރިސަކީ އެކުއްޖާގެ ބެލެނިވެރިޔާއެވެ. އެހެންކަމުން ޞާލިޙް އަޅަކަށް ނޫނީ ޞާލިޙް ދަރިއަކު ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. މިކަމަށްޓަކައި ކީރިތި ރަސޫލާ صلي الله عليه وسلم މުސްލިމް ފިރިހެނުންނަށް އަމުރުކުރައްވާފައިވަނީ އެމީހުންގެ ދަރިންނަށް ހެޔޮލަފާ މައިން ހޯދައިދިނުމަށެވެ. އެހެނީ ދަރިފުޅު ބޮޑުވަމުން އަންނަވަރަކަށް އެ ދަރިފުޅުގެ އުމުރާ ގުޅޭގޮތުން، ދީނީ ތަޢުލީމު އުގަންނައިދޭން އެބަޖެހެއެވެ. އިސްލާމްދީނުގެ ރިވެތި އަޚުލާޤުން އެދަރިފުޅު ޒީނަތްތެރިކޮށް، ދުނިޔޭގެ ތަފާތު ކަންތައްތަކަށް ލޯ ހުޅުވިފާވައި، ހޭލުންތެރި ހީވާގި ކުއްޖަކަށް އެކުއްޖާ ހަދަން އެބަޖެހެއެވެ.
ކުއްޖާގެ މަދަރުސީ ޙަޔާތް ފެށުމާއެކު މައިންބަފައިންނާއި މުދައްރިސުން ގުޅިގެންކުރެވޭ ތަރުބަވީ މަަސައްކަތް ފެންނަން ޖެހެއެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާކުރަން މިންނަތާއި ހިންމަތްކުރަންޖެހެއެވެ. މަދަރުސާ ތެރޭގައި ކުއްޖާ ހޭދަކުރާ ވަގުތުތަކުގައިވެސް ކުއްޖާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާ، އެކަލާނގެ ރަސޫލާ صلي الله عليه وسلم އަށް ފުރިހަމައަށް ތަބާވާ ކުއްޖެއްގެ ގޮތުގައި ކުއްޖާ ތަރުބިއްޔަތު ކުރަން އެބަޖެހެއެވެ. އަދި އެހެން ކުދިންނާ މުޢާމަލާތްކުރާނެ ރިވެތި އުޞޫލުތަކާއި އިސްލާމީ ރިވެތި އަދަބުތައް ކުއްޖާއަށް ކިޔައިދޭން ވާނެއެވެ. އިސްލާމީ ތާރީޚުގެ ވާހަކަތަކުން ކުއްޖާގެ ސިކުނޑި މުއްސަނދިކުރަން ވާނެއެވެ.
ކުއްޖާއަށް ސުކޫލުގައި ކިޔަވައިދޭ ކޮންމެ މާއްދާއަކީވެސް އިސްލާމީ އުސޫލްތަކަށް ފެތިފައިވާ މާއްދާއަކަށްވުން މުހިންމެވެ. ހަމައެކަނި އިސްލާމް، މާއްދާއިން އަޅުގަނޑުމެންނަކަށް ފުއްދާލެވޭކަށް ނެތެވެ. ބައޮލަޖީ، ފިޒިކްސް، އަދި ކެމިސްޓްރީފަދަ މާއްދާތައް ކިޔަވައިދޭއިރު قرآن ގައި އެމާއްދާތަކާއި ގުޅޭގޮތުން އައިސްފައިވާ ކަންތައްތައް ކުދިންނަށް ކިޔައިދެވި ދާނެއެވެ. އަދި އިސްލާމީ ބޮޑެތި ޢިލްމުވެރިން މިފަދަ ޢިލްމުތަކާ ބެހޭގޮތުން ހޯދައިފައިވާ ހޯދުންތަކާ، އެފަދަ ޢިލްމުތައް ހޯދުމަށް ކޮއްފައިވާ ބުރަ މަސައްކަތްތަައް ކުއްޖާއަށް ކިޔައިދެވިދާނެއެވެ. އަދި ހަމަ އެހެންމެ އިޤްތިޞާދީ ފިލާވަޅުތައް ނަގައިދޭ ހިނދު، އިސްލާމްދީނުގައި އިޤްތިޞާދީ ނިޒާމް ހަމަޖެހިފައިވާ ގޮތް ކުދިންނަށް ކިޔައިދެވިދާނެއެވެ.
ނަމަވެސް މި ޤައުމުގެ ޙާލަތަކީ، އިސްލާމީ ތަރުބިއްޔަތު މާއްދާ ކިޔަވައިދޭއިރު ނޫނީ އިސްލާމްދީނުގެ ވާހަކައެއް ކުއްޖާއަކަށް އަޑެއްވެސްްނީވޭނެއެވެ. އަދި ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ބައެއް ފޮތްތަކުގައި ވެސް އިސްލާމީ ޢަޤީދާއާ ފުށުއަރާ ބައެއް މައުލޫމާތު ބައެއް ފަހަރު އެބަހުރެއެވެ. އެފަދަ މައްސަލަތައް ފެންމަތިވެއެވެ. ނަތީޖާއަކަށްވީ ދަރިވަރުން އިސްލާމްދީނާ ދުރަށް ދިއުމެވެ. އިސްލާމީ ރިވެތި އަދަބުތަކާއި އަޚްލާޤަކީ ކުދިން ނުދަންނަ ބީރައްޓެހި އެއްޗަކަށް ވެގެންދިއުމެއެވެ.
މިމައްސަލަތައް ފެންމަތިވުމުގައި މުދައްރިސުންގެ ދައުރު ވެސް އެބަ އޮތެވެ. ފޮތެއް އޮތަކަށް އެދުރުނުވާނެތާއެވެ. ފޮތުގައި އޮންނަ ގޯސް ދަރިވަރަށް ބުނެދޭކަށް ނުޖެހެއެވެ. އަދި ފިލާވަޅުތައް ނަގައިދިނުމުގައި ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ. ހެޔޮލަފާ އަދަބު އަޚްލާޤުގެ ވެރި މުދައްރިސެއްގެ ކިބައިގައި ހުންނާނެ އެންމެ ވަރުގަދަ ސިފަޔަކީ މިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން