
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ މާސްޓަރ ޕްލޭންއަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޝަހްޒާ މުޙައްމަދު - 22 ޖެނުއަރީ 2026 - 13:34
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރ ޕްލޭންއަށް އާންމުންގެ ޚިޔާލު ހޯދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ.
ވޯލްޑް ބޭންކްގެ އެހީގައި އެކުލަވާލާ "ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާސްޓަރ ޕްލޭން 2026-2045" އަކީ މަސްވެރިކަމުގެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ތަރައްޤީކޮށް ރާވާހިންގޭނެ މަގު ދައްކުވައިދޭނެ މުހިންމު މަގުޗާޓެއްކަމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ޕްލޭނަށް ހިޔާލު ހުށަހެޅުމަށް އެ މިނިސްޓްރީގެ ވެބަސައިޓްގައި ވަނީ ހާއްސަ ސަރވޭ ލިންކެއް ގާއިމްކޮށްފައެވެ.
އެމިނިސްޓްރީން ހާމަކުރި ގޮތުގައި، މި ކަމުގެ އެންމެ މުހިއްމު ބަޔަކީ މަސްވެރިކަމުގެ ސިނާއަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. އެގޮތުން އާންމުންނާއި ސިނާއަތުގެ ބައިވެރިން ހުށަހަޅާ މަޢުލޫމާތުތަކަކީ ދިގު ރާސްތާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ތަރައްޤީ ބައްޓަންކުރާނެ ގޮތުގެ ތަޞައްވުރުތައް ކަނޑައެޅުމަށް ލިބޭނެ ވަރަށް މުހިންމު އެހީތެރިކަމެއް ކަމަށް އެމިނިސްޓްރީން ފާހަގަކުރެއެވެ.
މި މާސްޓަރ ޕްލޭން އެކުލަވާލުމުގައި، ދާއިރާގެ ބައިވެރިންގެ ތަފާތު ތަޖުރިބާތަކާއި، އެކިއެކި ވިސްނުންތަކާއި ނަޒަރިއްޔާތަކަށް ބެލޭނެއެވެ. އަދި މި ދާއިރާގެ މިސްރާބު ކުރިއަށް އޮތް ތަނުގައި ހުންނަންވީ ގޮތުގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް، މަގުޗާޓުގެ އަސާސްތަކާއި ވިސްނުންތައް ކަނޑައެޅުމުގެ ފުރުސަތު މިކަމުގެ ސަބަބުން ފަހިވެގެންދާނެކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.






