
ލިވަޕޫލް އާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން..
ޕްރެމިއާ ލީގުގައި ސަލާހުގެ 250 ވަަނަ ލަނޑާއެކު ލިވަޕޫލުން އެސްޓަން ވިލާ ބަލިކޮށްފި

ހަސަން ޝަމްއޫން - 02 ނޮވެމްބަރު 2025 - 00:41
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން ބަލިވެފައިވާއިރު، އެސްޓަން ވިލާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި އެސްޓަން ވިލާގެ މޯގަން ރޮޖާސް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، 19 ވަނަ މިނެޓުގައި ޑިފެންޑަރު މަޓީ ކޭޝް މުޅިން ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ލިވަޕޫލް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 23 ވަނަ މިނެޓާއި 33 ވަނަ މިނެޓުގައި ލިވަޕޫލުގެ މިޑްފީލްޑަރު ޑޮމެނިކް ސްބޮސްލާއިއަށް ލިބުނު ހުސް ދެ ފުރުސަތުގެ ހުރަހަކަށްވީ އެސްޓަން ވިލާގެ ކީޕަރު މާޓިނޭޒް އެވެ. ނަމަަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާޓިނޭޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ވަނީ އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ.
މިއީ ޕްރެމިއާ ލީގުގައި ސަލާހު ކާމިޔާބުކުރި 250 ވަނަ ލަނޑެވެ. މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގުގައި ކުޅުނު 38 މެޗުގައި 29 ލަނޑު ކާމިޔާބުކޮށް ޕްރެމިއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި ސަލާހުގެ އެންމެ މޮޅު ކުޅުން މިސީޒަނުގައި އަދި ފެނިފައިނުވާއިރު މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު މެޗުގެ މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރަޔަން ގްރެވެންބާޗް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި އެސްޓަން ވިލާގެ މިޑްފީލްޑަރު ރޮސް ބާކްލީއަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން ހޯދި 18 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ތިންވަނަައިގައެވެ. އަދި މިމެޗުން ބަލިވި އެސްޓަން ވިލާ އިން ލީގުގައި ކުޅުނު 10 މެޗުން ހޯދި 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގައި އަބަދަށް މަޑުކުރަން ޖެހޭ : ފެބީނިއޯ
3 އަހަރު ކުރިން

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ
3 އަހަރު ކުރިން

ފަހަތުން އަރާ ސިޓީ އިން ލިވަޕޫލް ބަލިކޮށްފި
3 އަހަރު ކުރިން

ޗެލްސީ ކޯޗުވަކިކޮށް، ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް އަތުން އެއްވަރު
3 އަހަރު ކުރިން


