
އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ރީކޯ މޫސަ ޝައުގުވެރިކަން ފާޅުކޮށްފި

މުޙައްމަދު ފަޟްލޫން - 02 ޖެނުއަރީ 2026 - 07:11
އިދިކޮޅުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރަން ރީކޯ މޫސާ މަނިކު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އެމްޑީޕީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރުމުގައި އިހު އޮތް ރޫހު އާލާކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ވިސްނަވާ ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވަނީ ވިދާޅުވެފައެވެ.
މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގައި 3 ދައުރު މެމްބަރުކަން ކުރައްވާފައެވެ.
މޫސަ ވަނީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ކަމާއި މަޖިލީހުގެ ނައިބު ރައީސް ކަން ކުރެއްވުމުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަންކަންވެސް މީގެ ކުރިން ކުރައްވާފައެވެ.
މޫސަގެ އިތުރުން ޗެއަރޕާސަން ކަމުގެ މަގާމުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ފާޅުކުރައްވާފައެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމް ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ފައްޔާޒް އިސްތިއުފާ ދެއްވީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ޗެއަރޕާސަން ކަމުގައި ފައްޔާޒް ވަނީ 3 އަހަރެއްހާ ދުވަސް ހޭދަކުރައްވާފައެވެ.
ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ހޮވިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ އާ ވާދަކުރައްވައެވެ.
ފައްޔާޒު އިންތިހާބު ކާމިޔާބުކުރެއްވީ 58 އިންސައްތަ ވޯޓުންނެވެ.
ފައްޔާޒު އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އިންތިހާބުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
41 މިނިޓު ކުރިން

ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރި ބަޔަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ހަނިމާދޫ އެއަރޕޯޓް ސަރަހައްދީ އެއަރލައިން ހަބަކަށް ހަދަންޖެހޭ: ރައީސް ނަޝީދު
ގަޑިއިރެއް ކުރިން

ގުޅީގައި 2000 ގަސް އިންދުމުގެ މަޝްރޫއެއް ފަށައިފި
ގަޑިއިރެއް ކުރިން


