
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ހަނިމާދޫ އެއަރޕޯޓް ސަރަހައްދީ އެއަރލައިން ހަބަކަށް ހަދަންޖެހޭ: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 02 ޖެނުއަރީ 2026 - 12:57
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓަކީ ސަރަހައްދީ އެއަރލައިނެއްގެ ހަބެއްގެ ގޮތުގައި ހެދުމަށްފަހު، އެ އެއަރލައިނާއި ގުޅިގެން ހަނިމާދޫ އެއަރޕޯޓް ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑުވެގެންދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަހައްދީ އެއަރލައިން ހަބަކަށް ހެދުމުން އުތުރުގެ ތަރައްގީއަށް ފަހިވެގެންދާނެ ކަަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ދިވެހި ސަރުކާރުން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށް ބުނެ، އިންޑިއާގެ ނޫހެއް ކަމަށްވާ ދަހިންދޫގައި ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ހަނިމާދޫ އެއާޕޯޓަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ތަރައްގީ ކުރި އެއާޕޯޓެކެވެ
ހަނިމާދޫ އެއަރޕޯޓް ހުޅުވާފައިވަނީ ހުސްވި އަހަރުގެ ފަހުކޮޅުއެވެ. ހަނިމާދޫ އެއަރޕޯޓް ހުޅުވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ.
ހަނިމާދޫ އެއަރޕޯޓަކީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެންމެ މުހިންމު ވަސީލަތް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކޮށްފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ މަތިންދާ ބޯޓްތަކަށް ހިދުމަތް ދެވޭނެ ގޮތަށެވެ. އެގޮތުން އެ އެއަރޕޯޓުން އޭ 320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކުރެވޭ ގޮތަށް އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ.
އެގޮތުން އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ.މި މަޝްރޫއަށް ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ ޚަރަދުކުރިއިރު، މިއީ އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.






