logo

އާޚިރަތް ދުވަހުގެ އިމްތިޙާނަށް ތައްޔާރުވުމަށް ޚުތުބާގައި ގޮވާލައިފި

profile

ޝަހްޒާ މުޙައްމަދު - 02 ޖެނުއަރީ 2026 - 14:00

ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތް ކަމަށާއި އާޚިރަތް ދުވަހުގެ އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

https://wamco.com.mv/

މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މައުޞޫގެ މައްޗަށެވެ. ޚުތުބާގައި ވަނީ ދުނިޔެވީ ޙަޔާތަކީ ވަގުތީ ކަމެއްކަން ހަނދާންކޮށްދީ، ކޮންމެ އިންސާނަކީވެސް މަރުގެ ރަހަ ދެކޭނޭ މީހެއްކަން ބަޔާންކޮށް، އެ ދުވަހަށް ތައްޔާރުވުމަށް ނަސޭހަތްތެރިވެފައެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި ދުނިޔޭގެ އިމްތިޙާނަށްވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބައޮތެވެ. އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނެވެ. "މި އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެ. އެއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭނޭ އިމްތިޙާނެއް،" ޚުތުބާގައި ބުންޏެވެ. މި އިމްތިޙާނަކީ މުއްސަނދިންނާއި ފަޤީރުން، ވެރިންނާއި ރައްޔިތުން އަދި އަންހެނުންނާއި ފިރިހެނުންވެސް ހަމަހަމައަށް ކުރިމަތިލާންޖެހޭނެ ކަމެއްކަން ފާހަގަކުރިއެވެ.

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، އެ ދުވަހު އެކަކު އަނެކަކަށް އެހީތެރިވެދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ބައްޕައަކު ދަރިއަކަށް، ނުވަތަ އަނބިމީހާ ފިރިމީހާއަށްވެސް އެހީއެއް ނުވެވޭނެއެވެ. ކޮންމެ މީހަކުވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފުސުގެ ސަލާމަތާމެދު ކަންބޮޑުވެގެންނެވެ. މިކަމުގެ ދަލީލެއްގެ ގޮތުން މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރީންގެ ކިބައިން ފިލާންދާ ދުވަހެވެ."

މަރުވުމަށްފަހު އަލުން ދިރުއްވައި މަޙުޝަރުކުރެއްވުމާ ހަމައަށް އިންސާނާ އޮންނާނީ ކަށްވަޅުގައިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. މަޙުޝަރުގެ މައިދާނަކީ ބިރުވެރިކަމުން ފުރިގެންވާ ތަނެއް ކަމަށާއި، އެތަނުގައި ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތަކަށް މަޑުކުރަން ޖެހޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް، ތަޤުވާވެރި ޞާލިޙު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިޙުސާސްކުރެވޭނީ ދުނިޔެވީ ވަގުތުން ނަމަ މެންދުރު ނަމާދާއި ޢަޞްރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައެވެ.

ޚުތުބާގައި ބުނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވާފައިވަނީ އިންސާނުން އެއިން ޢިބުރަތް ޙާޞިލުކުރުމަށްޓަކައި ކަމަށެވެ. އަދި ﷲއަށް އުރެދި ފާފަކުރުމުގައި ދެމިތިބޭ މީހުންނަށް އެ ދުވަހު އޮތީ ހިތްދަތިކަމާއި ކަންބޮޑުވުން ކަމަށް ބުނެ، އެންމެހައި މުސްލިމުން އެ ދުވަހަށް ތައްޔާރުވުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay