logo

އިގްތިސާދީ ކުރިއެރުމަށް އެމްއެމްއޭ އިން އަގުހުރި ހިދުމަތްތަކެއް ކޮށްދިން: ޒަރީރު

profile

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2026 - 08:33

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އުފެދުނުތާ 45 އަހަރު ފުރުން ފާހަގަކުރާއިރު، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުމަށް އެ އިދާރާއިން ފޯރުކޮށްދެމުންދާ އަގުހުރި ހިދުމަތްތަކަށް މާލީ ވަޒީރު ހަސަން ޒަރީރު ޝުކުރު އަދާކުރައްވައި، އެ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައިފިއެވެ.

https://wamco.com.mv/

މާލީ ވަޒީރު މިކަން ފާހަގަކުރެއްވީ، އެމްއެމްއޭ އިން އަލަށް ތައާރަފުކުރި މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ފާއިތުވި 45 އަހަރުގެ ދިގު މާޒީގައި އެމް.އެމް.އޭ އިން ދައްކުވައިދީފައިވަނީ އެ މުއައްސަސާގެ ހަރުދަނާކަމާއި، ފަންނީ ގާބިލުކަމުގެ އިތުރުން ރައްޔިތުންގެ މެދުގައި ހޯދާފައިވާ ބޮޑު އިތުބާރުކަން ފާހަގަކުރެއްވިއެވެ. އަދި މުއައްސަސާއެއްގެ ގޮތުން އެ އިދާރާ ހޯދާފައިވާ ތަރައްގީއަށް ވަޒީރު ތައުރީފު ކުރެއްވިއެވެ.

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށާއި، މަނިޓަރީ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގައި އެމް.އެމް.އޭ އިން އަދާކުރާ މުހިންމު ދައުރަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، މާލީ ހިދުމަތްތައް ފުޅާކޮށް، ޑިޖިޓަލް ވަސީލަތްތަކަށް ރާއްޖޭގެ މާލީ ނިޒާމު އަހުލުވެރިކުރުވުމުގައި އެ އިދާރާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްއެމްއޭގެ ހަރުދަނާ މަނިޓަރީ ޕޮލިސީތަކުގެ ސަބަބުން، ދިވެހި އިގްތިސާދަށް އާންމުންނާއި ބޭރުގެ އިންވެސްޓަރުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް ތައާރަފުކުރުމަކީ ރާއްޖޭގެ މާލީ ސިނާއަތަށް ލިބިގެންދިޔަ ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ޒަރީރު ސިފަކުރެއްވިއެވެ.

މި އެވޯޑްތަކުގެ ސަބަބުން މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ލުއިފަސޭހަކުރުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި، އެވޯޑް ހާސިލުކުރި ފަރާތްތަކަށާއި ނޮމިނޭޓްވި ހުރިހާ ފަރާތްތަކަށް ވަޒީރު މަރުހަބާ ދެންނެވިއެވެ.

ވަކިން ޚާއްޞަކޮށް، "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ" ކެޓަގަރީން ހޮވުނު ފަރާތްތަކުން މި ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، އެމް.އެމް.އޭގެ ފުރަތަމަ ގަވަރުނަރުގެ މަގާމު ފުރުއްވި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް މާލީ ދާއިރާއަށް ކޮށްދެއްވި މުހިންމު ޚިދުމަތްތަކުގެ މައްޗަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އާއި، ބޭންކް އޮފް މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް އުފެއްދެވުމުގައި ރައީސް މައުމޫން އަދާކުރެއްވި އިސް ދައުރު ވަޒީރު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk