logo

ޑޮލަރުގެ އަގު ހުރީ 21 ރުފިޔާގައި: އަމީރު

profile

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 18:47

ރާއްޖޭގައި މިހާރު ޑޮލަރުގެ އަގު 21 ރުފިޔާއަށް އުފުލިފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިދިކޮޅު އެމްޑީޕީން ޑޮލަރެއް ނެތް ނަމުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ކަޅު ބާޒާރުގައި ވެސް މިހާރު ޑޮލަރު ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ގިނަ މަސައްކަތްތަކަކަށް ހުރަސްއެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން، ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫއުތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ގިނަ ކުންފުނިތަކެއްގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ ކުރިން ކަޅު ބާޒާރުން ޑޮލަރު ގަންނަން ލިބުނު ނަމަވެސް، މިހާރު އެ ފުރުސަތު ވެސް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

މީގެ އިތުރުން، ޑޮލަރު މާރުކުރުމުގެ އުސޫލަށް 2025 ވަނަ އަހަރު ސަރުކާރުން ގެނައި ބަދަލާއެކު ބޭންކުތަކަށާއި އެމްއެމްއޭއަށް ގާތްގަނޑަކަށް 650 މިލިއަން ޑޮލަރު ވަދެފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.

ބޭންކުތަކަށް ޑޮލަރު މާރުކުރި ކަމުގައިވިޔަސް ޑޮލަރުގެ ރޭޓު ތިރިނުވާނެ ކަމަށް އެމްޑީޕީން ކުރިންވެސް ބުނަމުންދިޔަ ބުނުން މިހާރު ސާބިތުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް އުފުލެމުން ދާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ބޭންކް ކާޑުތަކުން ކުރާ މުޢާމަލާތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.

އީ ކޮމާސް ސައިޓުތަކުން ކުރާ ވިޔަފާރިތަކުން އިތުރު ފީތައް ނަގަމުންދާ ކަމަށާއި، މުޢާމަލާތް ކުރެވޭނެ މިންވަރު (ލިމިޓް) ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް ބޮޑުވެފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk