
އަދުހަމް މަރަން ކުރި ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފި

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 10:16
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި، އަދުހަމް މުހައްމަދު މެރުމަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ހުޅުމާލޭގައެވެ. ގާސިމް ހަސަން މަރާލާފައިވަނީ އޭނާ ޓެކްސީ ދުއްވަމުން ދަނިކޮށް، ފޭރުމުގެ ނިޔަތުގައި އަދުހަމް މުހައްމަދު ވަޅިއަކުން އޭނާގެ ކަރަށް ދިން ނުރައްކާތެރި ހަމަލާއެއްގެ ސަބަބުންނެވެ.
މި މައްސަލައިގައި ފިލައިގެން އުޅެނިކޮށް އަދުހަމް ހައްޔަރުކޮށްފައިވަނީ އެ މަހުގެ 20 ވަނަ ދުވަހުއެވެ.
ގާސިމް ހަސަންގެ ވާރިސުންގެ ފަރާތުން މަރަށް މަރު ހިފުމަށް އެދިފައިވާތީ، ކްރިމިނަލް ކޯޓުން އަދުހަމް މެރުމަށް ހުކުމް ކުރީ 16 އޭޕްރިލް 2023 ގައެވެ.
މި މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ، މަރުގެ އަދަބެއް ތަންފީޒު ކުރުމުގެ ކުރިން ޝަރުޢީ އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިސްތިއުނާފީ މަރުހަލާތައް ފުރިހަމަކުރުމުގެ މަގްސަދުގައެވެ.
ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ގާސިމްގެ އަތުން ފޭރުމުގެ އަމަލު ހިންގުމުގެ ކުރިން އަދުހަމް ވަޅިއެއް ގަނެފައިވާކަން ސާބިތުވާ ކަމަށެވެ.
ގާސިމް މަރާލުމަށް ބޭނުންކުރި ވަޅި ގަނެފައިވަނީ އަނިޔާއެއް ދިނުމުގެ ނިޔަތުގައި، ވީހާވެސް ތޫނު ހަތިޔާރެއް ހޯދުމުގެ މަގުސަދުގައިކަން ޝަރީއަތަށް އެނގެން އޮތްކަމަށްވެސް އެ ހުކުމުގައިވެއެވެ.
އެހެންކަމުން، ގާސިމް މަރާލުމުގެ ގަސްތު އަދުހަމްގެ ކިބައިގައި އޮތްކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބާރުލިބޭކަން ހައިކޯޓުގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ.






.gif&w=3840&q=75)