logo

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ ރައްޔިތުންގެ އިތުބާރު ދެމަހައްޓައި ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު ބިންގާ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 08:21

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށާއި، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ހާމަކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމައަށް ހާމަކުރުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިފަދަ ނަތީޖާއެއް ހާސިލުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

މީގެކުރިން އާންމުންނަށް ލިބެން ނެތް ގިނަގުނަ މަޢުލޫމާތުތަކެއް، މިހާރު ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2014 ވަނަ އަހަރު އާރް.ޓީ.އައި ޤާނޫނު ތަސްދީޤުކުރި ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުން އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތައް ސައްތަ އިންސައްތަ ފުރިހަމަކުރުމަކީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަކީ، ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދައުލަތުގެ ހުރިހާ ވުޒާރާތަކަކުން އިސްނަގައިގެން މައުލޫމާތު ހާމަކޮށް ނިންމާފައިވާކަން، އިންފޮމޭޝަން ކޮމިޝަނަރު އަހުދު ރަޝީދު ވަނީ ފާހަގަކުރައްވައިފައެވެ. ކޮމިޝަނަރު ވިދާޅުވި ގޮތުގައި، ދައުލަތުގެ 16 އިދާރާއަކުން ވަނީ ފުރަތަމަ ފަހަރަށް މިފަދަ މައުލޫމާތުތައް އާންމުކޮށްފައެވެ.

މައުލޫމާތު ހާމަކުރި ތަރުތީބަށް ބަލާއިރު، މިދިޔަ މަހުގެ 21 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީއާއި، ކްލައިމެޓް އެންޑް އެނާޖީ މިނިސްޓްރީގެ އިތުރުން ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ހާމަކޮށްފައެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީން މިދިޔަ މަހުގެ 31 ގައި މައުލޫމާތު އާންމުކޮށްފައިވާއިރު، ހޯމް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން އެ މައުލޫމާތުތައް ހާމަކުރީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އިސްލާމިކް މިނިސްޓްރީއާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ފިޝަރީޒް މިނިސްޓްރީން މި މަހުގެ 2 ވަނަ ދުވަހު މައުލޫމާތު އާންމުކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން މި މައުލޫމާތުތައް ހާމަކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk