.png&w=3840&q=75)
މިނިސްޓަރ އިހުސާންގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ފަތުރަނީ އިސްލާހަށް މަސައްކަތްކުރާތީ: އަމާނީ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 18 ޖެނުއަރީ 2025 - 11:25
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާންގެ އަބުރަށް ހުތުރުވާގޮތަށް ދެކެވޭ ވާހަކަތަކަކީ ފަސާދަވެފައިވާ މުޖުތަމައެއް އިސްލާހުކުރުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު އަމާނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މިނިސްޓަރ އަމާނީ މިފަދައިން ވިދާޅުވީ ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޑެޕިއުޓީ މިނިސްޓަރގެ ޕޯސްޓުގައި އެެކަމަނާ ވަނީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ކުށްކުރުން މަދުކުރުމަށް މިނިސްޓަރ އަލީ އިހުސާން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ޒުވާނުންނާއި ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ހިމެނޭ ކަމަށާއި މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުން ހިމެނޭ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.
އަމާނީ ވިދާޅުވީ، މި މަސައްކަތްތައް ކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ހަމައެހެންމެ ގޭންގު ކުށްތައް މަނާކުރުމާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން ހުއްޓުވުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މިނިސްޓަރަކީ ވެސް އަލީ އިހުސާންކަން ޑެޕިއުޓީ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އަމާނީ މިފަދައިން ޕޯސްޓެއް ކުރައްވާފައި މިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
ހުކުރު ދުވަހު މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީގެ ފަރާތުންނެވެ.
އެމްޑީޕީގެ 12 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލައިގައި މައިގަނޑު ތިން ކަމެއް ފާހަގަކޮށްފައިވެއެވެ.
މިނިސްޓަރ އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމަށް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.
މިނިސްޓަރގެ މައްޗަަށް ތުހުމަތުކޮށްފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާއި ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅާފައިވާ ކަމަށެވެ.
އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުމަކީ ވެސް މިނިސްޓަރ އިހުސާންގެ މައްޗަށް ކުރެވޭ އެއް ތުހުމަތެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރގެ ބެލުމުގެ ދަށުން ކަން މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނީ ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ތެރޭގައި ޖިނާއީ ކުށް ހިމެނޭތީ، އެ މަގާމުގައި އޭނާ ހުރެއްޖެނަމަ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހުތިމާލު އޮންނާނެ ކަމަށެވެ.
އެހެންވެ، އެ މަގާމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ އެތައް ހައްގެއް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް އިތުބާރު ނެތް ކަމުގެ މައްސަލައިގައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން