logo

ކޯޓޭޝަން ނަގާއިރު މުދާ ވިއްކާކަން ޔަގީންކުރުމަށް އެސްޑީއެފްސީގެ އިލްތިމާސް

profile

ޒިދާން މުޙައްމަދު - 04 އޭޕްރީލު 2025 - 14:28

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ލޯނަށް އެދޭ ފަރާތްތަކުން ވިޔަފާރިއަކުން ކޯޓޭޝަން ނަގާއިރު، އެ ވިޔަފާރިއަކީ މުދަލެއް ވިއްކާ ވިޔަފާރިއެއްކަން ކަށަވަރު ކުރުމަށް އެސްޑީއެފްސީން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެސްޑީއެފްސީން ބުނީ ކޯޓޭޝަން ދޫކުރާ ފަރާތަކީ އެކޯޓޭޝަނެއްގައި ހިމެނޭ މުދަލާއި ޚިދުމަތްތައް ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިއަކަށްވާން ޖެހޭނެ ކަމަށެވެ. އެސްޑީއެފްސީއިން ވަނީ ކޯޓޭޝަނެއް ދިން ފަރާތަކީ އެ މުދަލެއް ވިއްކާ ފަރާތެއްކަން ކަށަވަރު ނުކުރެވޭނަމަ، އެކަން ޔަޤީން ކުރެވޭ އެހެން ވިޔަފާރިއަކުން ކޯޓޭޝަން ހޯދުމަށް އެދިފައެވެ.

އެސްޑީއެފްސީން އެންމެ ފަހުން ފުރުސަތު ހުޅުވާލާފައިވަނީ ވިޔަފާރި އެހީ ލޯން ސްކީމަށެވެ. މިއީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރި ޚަރަދުތައް ކުރުމަށާއި، ހިނގަމުންދާ ވިޔަފާރި ހަރަކާތައް ބޭނުންވާ މެޝިނަރީސް ގަތުމަށް ލޯން އެހީއަށް އެދެވޭ ސްކީމެކެވެ. މި ލޯނު ސްކީމަށް ހުށަހަޅާ ފަރާތްތަކުން ގަންނަން ބޭނުންވާ މުދަލާއި އޭގެ ތަފްސީލު އެނގޭ ކޯޓޭޝަން ލޯނަށް އެދި ހުށަހަޅާ ލިއެކިއުންތަކާއި އެކު ހުށަހަޅަން ޖެހެއެވެ.

އެސްޑީއެފްސީން ބުނީ ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށެވެ. އެސްޑީއެފްސީގެ ވެބްސައިޓު މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅޭއިރު، "ވިޔަފާރި އެހީ" ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާކަމަށް އެސްޑީއެފްސީން ބުންޏެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކި ދާއިރާތަކުން މާލީ އެހީ އެސްޑީއެފްސީން ދަނީ ފޯރުކޮށްދެމުންނެވެ. އެކުންފުނިން މުޅިއެއެކު 10 ސްކީމެއް މިހާތަނަށް ތަޢާރަފްކޮށްފައިވާއިރު، މިވަގުތުވެސް ވިޔަފާރި އެހީ ހިމެނޭހެން 3 ސްކީމަކަށް އެދުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެސްޑީއެފްސީއަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

https://wamco.com.mv/
https://www.aslu.com.mv