logo

މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 02 އޯގަސްޓު 2026 - 12:02

މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ 60 އިންސައްތަ މިހާތަނަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މި އަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ 24.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުރިއެރުމުގެ މައިގަނޑު އަސާސަކީ ޓެކްސްގެ ގޮތުގައި ހާއްސަކޮށް ޖީއެސްޓީ އިން ލިބުނު އާމްދަނީ އިތުރުވުމެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 18.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 10 ބިލިޔަން ރުފިޔާއަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 13.6 އިންސައްތަ އިތުރުވެ، 3.1 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓީޖީއެސްޓީގެ 8 އިންސައްތަ އިތުރުވެ، 6.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މިއާއެކު، މިއަހަރު ލިބޭނެކަމަށް ލަފާކުރި ޖުމްލަ އާމްދަނީގެ 59.7 އިންސައްތަ މިހާތަނަށް ވަނީ ދައުލަތަށް ވަދެފައެވެ.

ހަރަދުތަކަށް ބަލާއިރު، މުވައްޒަފުންގެ މުސާރައާއި ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކަށް ކުރާ ހޭދަ އިތުރުވުމާ ގުޅިގެން، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ މިދިޔަ އަހަރަށްވުރެ 19.7 އިންސައްތަ އިތުރުވެ، 25.5 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތަކާއެކު، މުސާރައާއި ޕެންޝަނަށް ކުރި ހޭދަ 9.5 އިންސައްތަ އިތުރުވެ، 8.5 ބިލިޔަން ރުފިޔާއަށް ވަނީ އުފުލިފައެވެ.

މިއީ ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު އައި ހެޔޮ ބަދަލެކެވެ.

މީގެ އިތުރުން، އާސަންދަ އަށް ކުރި ހޭދަ 14.8 އިންސައްތަ އިތުރުވެފައިވާއިރު، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލާއި މުދަލުގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރި ހަރަދު 79 އިންސައްތަ އިތުރުވެ، ޖުމްލަ 3.2 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.

މާލީ ހިސާބުތަކަށް ބަލާއިރު 1.5 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސަރޕްލަސްއެއް ފެންނަން އޮތް ނަމަވެސް، މުޅި ބަޖެޓަށް ބަލާއިރު 1.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ވަނީ ރެކޯޑުކުރެވިފައެވެ.

https://wamco.com.mv/
tel:+9607331319