
ހުއްދަނެތި ބޭރު ފައިސާ ވިއްކުން މަނާކުރާ ބިލު މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 26 އޯގަސްޓު 2026 - 12:03
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ވިއްކުމާއި، ކަޅުބާޒާރުގެ ރޭޓުތައް އިޝްތިހާރު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓާއެކުގައެވެ.
މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ކޮމިޓީ މަރުޙަލާގައި މި ބިލަށް ވަނީ މުހިންމު އިސްލާޙުތަކެއް ގެނެސްފައެވެ.
މި އިސްލާޙުގެ ދަށުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓު ނުވަތަ ބޭންޑުން ބޭރުން ބޭރު ފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން އުޅެފިނަމަ، އެ ފަރާތެއް 25،000 (ފަންސަވީސް ހާސް) ރުފިޔާއާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް، ގަވާއިދާ ހިލާފު ރޭޓުތައް އިޝްތިހާރުކޮށް ޕްރޮމޯޓުކުރާ ފަރާތްތައް 25،000 (ފަންސަވީސް ހާސް) ރުފިޔާއާއި 500،000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ އަމަލެއް ހިންގީ ގާނޫނީ ޝަހުސަކުން ކަމުގައިވާނަމަ، އެ ފަރާތެއް 100،000 (އެއް ލައްކަ) ރުފިޔާއާއި 5،000،000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ގާނޫނުން ލިބިދެއެވެ.
މި ބިލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 25 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދަކަށް ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން، އެ ފައިސާ އެމްއެމްއޭގެ ލައިސަންސް އޮންނަ ބޭންކެއް މެދުވެރިކޮށް ޖަމާކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްލާހުތައް ގެންނަނީ މަޝްވަރާ ކުރެވިގެން، ފެކްޓް ބޭސްކޮށް: ރައީސް
21 މިނިޓު ކުރިން

ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
13 ގަޑިއިރު ކުރިން

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުގެ މަގާމުން އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި
15 ގަޑިއިރު ކުރިން

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
15 ގަޑިއިރު ކުރިން


