
ރުފިޔާއިން ސާވިސްޗާޖް ދިނުމާއި ދެކޮޅަށް ފެޓިޝަނެއް ފަށައިފި

މުޙައްމަދު ފަޟްލޫން - 28 އޯގަސްޓު 2026 - 11:43
ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ސަރުކާރުން ގެނައި އިސްލާހުތަކާ ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ އަދި ސާވިސް ޗާޖު ނުދެވޭނެ ކަމަށް މެނޭޖްމަންޓްތަކުން އަންގަމުންދާތީ، އެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުމަކީ އަމަލީ ގޮތުން ދަތި ކަމެއް ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ގަވާއިދަށް މި ބަދަލު ވަނީ ގެނެސްފައެވެ. އަދި އަންނަ އޮކްޓޯބަރު މަހުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފެށުމުން، އޭގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ ޑޮލަރުން އާމްދަނީ ލިބޭ ރިސޯޓު މުވައްޒަފުންނަށް ކަމަށް ވާތީ، ޓީމުން ވަނީ މި ނިންމުމާ ދެކޮޅަށް ވަރުގަދަ ހަރަކާތްތަކެއް ހިންގަން ނިންމާފައެވެ.
މި ހަރަކާތުގެ ފުރަތަމަ މަރުހަލާގައި ކުރިއަށްގެންދާ ޕެޓިޝަނުގައި، އެ ޔޫނިއަންގެ މެންބަރު ރިސޯޓުތަކުގެ އިތުރުން، ޔޫނިއަންގައި ނުހިމެނޭ ރިސޯޓުތަކުގެ މުވައްޒަފުން ވެސް ބައިވެރިވުމަށް ޓީމުން ވަނީ އެދިފައެވެ.
މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ދިނުމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ތަންފީޒުކުރަން އުޅޭ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށެވެ. އަދި މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުރިމަތިވާ މިފަދަ ކަންކަމުގެ ނޭދެވޭ ބުރަ އެ މީހުން އުފުލަންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެލިވަރުގެ އާ ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަށް ނިންމަނީ
16 ގަޑިއިރު ކުރިން

ގޭސް ލީކުވި ހާދިސާ: ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާގެ ހާލު މިހާރު ސްޓޭބަލް
16 ގަޑިއިރު ކުރިން

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ޖަލު ހުކުމެއް އިއްވައިފި
17 ގަޑިއިރު ކުރިން

ޓެލެގްރާމްގައި ބަރަހަނާ މަންޒަރު އާންމުކުރި 3 މީހަކު ޖަލަށްލާން ހުކުމްކޮށްފި
18 ގަޑިއިރު ކުރިން


