logo
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން---

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން---

މަޖިލިސް ރައީސާއި ކައުންސިލަރުންގެ އެލަވަންސް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 21 އޮކްޓޯބަރު 2026 - 12:44

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަކާއި، ރަށްރަށުގެ ކައުންސިލަރުންނަށް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

މި ބަދަލުތައް ގެންނަން ކޮމިޓީން ފާސްކުރީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލިސް ރައީސްގެ އެލަވަންސް ބޮޑުކުރުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވިއިރު، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ މި ހުށަހެޅުއްވުމަށް ތާއީދުކުރައްވައިފައެވެ. ކައުންސިލަރުންގެ އެލަވަންސް އިތުރުކުރަން ހުށަހެޅުއްވީ މެންބަރު މަމްދޫހުއެވެ. މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.

މާލިއްޔަތު ކޮމިޓީގެ އިދާރީ މޭޒުން ބުނެފައިވާ ގޮތުގައި މި ބަދަލުތައް ގެންނަން ނިންމީ މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ އިތުރުން މެންބަރުންގެ މެދުގައި އުފެދިފައިވާ މުސާރައިގެ ފަރަގުތައް ކުޑަކުރުމުގެ ބޭނުމުގައެވެ. މަޖިލީހުގެ ރައީސަކީ ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ބޭފުޅަކަށް ވާތީ، ކޮމިޓީ އެލަވަންސާއެކު ނައިބު ރައީސަށް ލިބިވަޑައިގަންނަވާ 91،000 ރުފިޔާ އާއި މެންބަރުންނަށް ލިބޭ 82،500 ރުފިޔާއަށް ވުރެ މަޖިލިސް ރައީސްގެ އުޖޫރަ މިހާރު ދަށެވެ. އެގޮތުން މަޖިލީހުގެ ރައީސަށް މިހާރު ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް، އަލަށް ގެނެވުނު ބަދަލާއެކު މި އަދަދު 95،125 ރުފިޔާއަށް އަރާނެއެވެ.

މީގެ އިތުރުން ކައުންސިލަރުންނަށް 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުމަށް ނިންމުމާއެކު، ރަށު ކައުންސިލް ރައީސުންގެ މުސާރަ 30،500 ރުފިޔާއަށް، ނައިބު ރައީސުންގެ މުސާރަ 25،000 ރުފިޔާއަށް އަދި ކައުންސިލް މެންބަރުންގެ މުސާރަ 23،000 ރުފިޔާއަށް ބޮޑުވާނެއެވެ.

މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާއިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި މެންބަރުން ކުރައްވާ މަސައްކަތާއި އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކާ ނުބައްދަލު ކަމަށް ބުނެ އާންމުންގެ ފާޑުކިޔުމާއި ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައެވެ. ހާއްސަކޮށް، މަޖިލީހުގެ ޒިންމާތައް އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭ ކަމަށް ބުނެ، ރައްޔިތުންގެ ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319