logo

ރަސޫލާއަށް ކިޔަމަންނުވުމުން ހެޔޮ އަމަލުތައް ވެސް ބާތިލުވޭ: ޚުޠުބާ

profile

ޒިދާން މުޙައްމަދު - 16 މޭ 2025 - 08:59

ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

https://wamco.com.mv/

"އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމު" މިމަޢުޟޫއުގައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ބުނެފައި ވަނީ، އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވައިފައިވާ މަގަކީ އިސްލާމް ދީންކަމުގައި ވީ ހިނދު، އެކަލާނގެ ޙަޟުރަތުން މީސްތަކުންނާ ހަމައަށް މި ދީން އައިސްފައިވަނީ، ކީރިތި ރަސޫލާ محمّد صَلَّى اللهُ عَلَيْهِ وَسَلَّمَ މެދުވެރިކުރައްވާ ކަމަށެވެ.

ޝައްކެއްނެތް ގޮތުގައި އެކަލޭގެފާނަށް ބާވައިލެއްވުނު މި ދީން އެކުލެވިގެންވަނީ މައިގަނޑު ދެ މަސްދަރުގެ މައްޗަށްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ އެއީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަގުމާތްވި ސުންނަތެވެ.

އެހެންކަމުން، މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކިޔަމަންވުމަށް، ކީރިތި ޤުރްއާނުގައި އެކަލާނގެވަނީ އަމުރުކުރައްވައިފައެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭކަން ވެސް ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

"އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި رسولއާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ عملތައް ތިޔަބައިމީހުން باطل ނުކުރާހުށިކަމެވެ!"

މި އާޔަތުން ދޭހަވަނީ، ﷲއާއި އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނުކިޔަމަންތެރިވުމަކީ މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭ ކަމެއްކަމެވެ. އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.

"އަދި رسولއާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"

އެހެންކަމުން އަހަރެމެންނަށް އެނގި ކަށަވަރުވާ ކަމަކީ، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކިޔަމަންނުވާ މީހާ މާތް ﷲއަށް ކިޔަމަންވާ މީހަކުކަމުގައި ނުވާނޭކަމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

"رسولއާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲއަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ."

ޝައްކެތްނެތް ގޮތުގައި މާތް ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވައިފައިވަނީ އަހަރެމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރެވެ. ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

"ހަމަކަށަވަރުން، ﷲގެ رسولއާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، آخرةގެ ثوابއަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާކަމުގައިވާ މީހަކަށެވެ. "

ﷲގެ ކަލާމުފުޅު، އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ކައުއިތުރު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ދޫފުޅު މަތީންކަމުގައިވީ ހިނދު، އެކަލޭގެފާނުގެ ސުންނަތަށް އީމާން ނުވާ މީހާ ޙަޤީޤަތުގައި ޤުރްއާނަށް ވެސް އީމާންވާކަމުގައެއް ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

"އަދި ﷲއާއި، އެކަލާނގެ رسولއާ، ކަމަކަށް ނިޔާކުރައްވައިފި ހިނދު، مؤمن ފިރިހެނަކަށް ވެސް، އަދި مؤمن އަންހެނަކަށް ވެސް، އެއުރެންގެ އެ ކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި ﷲއަށާއި، އެކަލާނގެ رسولއާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުން ޢަމަލުކުރާންޖެހޭ ހުރިހައި ކަމެއް، ކީރިތިވަންތަ ﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެހެންކަމުން، ޤުރްއާން ފިޔަވައި އެހެން މަޞްދަރަކަށް ބަލާކަށް ނުޖެހޭނެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށް ގޯސް ވިސްނުމެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫޢަވުމަކާ ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލު ކަމެކެވެ. އެ ގޮތުން، ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ.

އެއީ އިސްލާމް ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެ ކަލިމައަށް ފަހު ދީނުގައި އަދާކުރުމަށް އައިސްފައިވާ އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގޭން އޮތްކަމުގައިވީ ނަމަވެސް، ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. ހަމަ އެހެންމެ ފަރުޟުކުރެވުނީ ކިތައް ނަމާދު ކަމެއް ވެސް ކީރިތިޤުރްއާނުން އެނގޭކަށް ނެތެވެ. މި ކަންކަން އެނގެނީ ކީރިތި ރަސޫލާ zގެ ސުންނަތުންނެވެ.

އެހެންކަމުން ނަމާދުކުރާންވީ ގޮތް ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ދަސްކޮށް ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.

"ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ!" ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް ވެސް ދަސްކޮށްދެއްވަމުން އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لِتَأْخُذُوْا مَنَاسِكَكُمْ)

"ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް (ތިމަންކަލޭގެފާނުގެ ކިބައިން) ތިޔަބައިމީހުން ލިބިގަންނާށެވެ!"

އިސްވެދިޔަ ދަލީލުތަކާއި މިނޫނަސް މި މާނައިގައި ވާރިދުވެފައިވާ ގިނަގުނަ ދަލީލުތަކުން އެނގޭ ގޮތުގައި، ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްކަން ކަށަވަރުވެއެވެ. އެހެންކަމުން، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނާން ޖެހޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

"(ތިމަންރަސްކަލާނގެ އެ رسولން ފޮނުއްވީ) ބަޔާންވެގެންވާ ހެކިތަކާއި، ފޮތްތަކާއިގެންނެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށް ޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށް ޓަކައެވެ."

އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާން ވީފަދައިން، ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތަކީ އެޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކަށަވަރެވެ. އެހެންކަމުން، ކީރިތި ޤުރްއާން ޤަބޫލުކުރިއަސް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ޤަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ.

ކީރިތި قرآنއާއި سنةއާ ދެމެދުގައި ވާ ގުޅުމަކީ، ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމައާ ދެމެދުގައި ވާ ގުޅުމެވެ. އެ ދެކަލިމައިގެ ގުޅުން ވަކިނުކުރެވޭނޭ ފަދައިން ކީރިތި قرآنއާ سنة ވަތްކެއްނުކުރެވޭނެއެވެ. ޙަޤީޤަތަކީ މިއީ ކަމުގައިވީ ނަމަ ވެސް، ސުންނަތް ދޫކޮށްލައި ހަމައެކަނި އަހަރެމެން ޤަބޫލުކުރާނީ ޤުރްއާނޭ ބުނާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ އުއްމަތަށް ދެއްވައިފައެވެ. އަދި މިފަދަ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވައިފައެވެ.

އެކަލޭގެފާނުގެ ސުންނަތަށް އިންކާރުކުރާ ބައެއް މީހުން ބުނަނީ އަހަރުމެންނާ ހަމައަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް އައިސްފައިވަނީ އެހައި އިތުބާރު ހުރި ގޮތަކަށް ނޫންކަމަށެވެ. އެހެންކަމުން އެއީ ޤަބޫލުކުރެވޭނޭ އެއްޗެއް ނޫންކަމަށް ވެސް އެބައިމީހުން ބުނެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އެހެނީ ކީރިތި ރަސޫލާ zގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެކެވެ.

އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތާ ހަމައަށް ދާންދެން ރައްކާތެރިކުރައްވާނޭކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެކަލޭގެފާނުގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް އައިސްފައިވާ ރޮނގުންނެވެ. އެހެންކަމުން ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެއެވެ. އަދި ފުރިހަމައެއް ވެސް ނުވާނެއެވެ. جابر رَضِيَ ﷲ عَنْه ވިދާޅުވިއެވެ. اَلْـمِقْدَامُ بْنُ مَعْدِي كَرِب رَضِيَ ﷲ عَنْه ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ.

ޚައިބަރު ހަނގުރާމައިގެ ދުވަހު ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. އެއަށް ފަހު ޙަދީޘްކުރެއްވިއެވެ.

"ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ވަރަށް ގާތްވެއްޖެއެވެ. އެ ފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘްފުޅު އިވޭ ހިނދު (ބޮޑާކަމާ އެކު) ބޮޑު ގޮނޑީގައި ލެނގިގެން އިނދެ ބުނާނެއެވެ. އަހަރެމެންނާ ތިޔަބައިމީހުންނާ ދެމެދު މި ވަނީ ﷲގެ ފޮތެވެ. ފަހެ މި ފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއް ނަމަ އެއީ ޙަލާލުކަމެއް ކަމުގައި އަހަރެމެން ބަލައިގެންފާނަމެވެ. އަދި މި ފޮތުގައި ޙަރާމްކަމެއްކަމުގައި އައިސްފައިވާ ކަމެއް ނަމަ، އެއީ ޙަރާމްކަމެއްކަމުގައި ބަލައިގެންފާނަމެވެ. އެއަށް ފަހު، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން ﷲގެ ރަސޫލާ ޙަރާމްކުރެއްވި ކަންތައް، ﷲ ޙަރާމްކުރެއްވި ކަންތައްފަދައެވެ."

ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.

"ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުވީ އެންމެން ވެސް ސުވަރުގެ ވަންނަ ހުއްޓެވެ. އެހިނދު އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ސުވަރުގެ ވަންނާން ދެކޮޅު ހަދާނީ ފަހެ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހެއް ނަމަ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި ތިމަން ކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެ މީހާ ހަމަކަށަވަރުން ދެކޮޅު ހަދައިފިއެވެ!"

ﷲގެ ރުއްސެވުން ލިބޭހުށީ އެކަލާނގެ ރަސޫލާ zއަށް ކިޔަމަންގަނެގެންކަން ތިޔަބައިމީހުން ދަންނާށެވެ! އެހެންކަމުން މި ފަދަ ކަންކަމާ މެދު ވިސްނައި ފިކުރުހިންގައި މާތް ﷲއަށް ބިރުވެތިވެ ދީނުގެ ދެ އަސްލުކަމުގައިވާ ކީރިތި ޤުރްއާނާއި ކީރިތި މާތްރަސޫލާ މުޙައްމަދު zގެ ސުންނަތުގައި ހިފަހައްޓައިގެން ތިބޭށެވެ! މާތް ﷲ ތިޔަ އެންމެތަކުންނަށް ރަޙްމަތްލައްވާށިއެވެ. އާމީން!

https://etukuri.mv/
https://eportal.mwsc.com.mv/e-pay