logo

މާލެ މަގުމައްޗަށް ކުނި އަޅައިގެން 11 މީހަކު ޖޫރިމަނާކުރި

profile

ޝުރުފާ މުހަންމަދު - 22 ސެޕްޓެމްބަރު 2024 - 18:31

މާލޭ މަގުމަތީގައި ކުނި ބެހެެއްޓުމުގެ ސަބަބުން މުޅި މާލެ ވަނީ ގޮނޑުވެފައި ؛ ފޮޓޯ މިހާރު

މާލޭ މަގުމަތީގައި ކުނި ބެހެެއްޓުމުގެ ސަބަބުން މުޅި މާލެ ވަނީ ގޮނޑުވެފައި ؛ ފޮޓޯ މިހާރު

އެންމެ ހަފްތާއެއްގެ ތެރޭގައި މާލެ މަގުމައްޗަށް ކުނި އަޅައިގެން 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން އާންމުކުރި މައުލޫމާތުގައިވާގޮތުން އެމީހުންނަށް ފިޔަވަޅު އަޅާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ގޮސް 15 ވަނަ ދުވަހާ ދެމެދުގަ އެވެ. މާލެ މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާއިރު މިދިޔަ ރަމަޟާން މަސް ފެށުމުގެ ކުރިން ފެށިގެން އެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސީޓީ ކައުންސިލާއި ވެމްކޯއިން ގުޅިގެން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެގޮތުން މާލެ ސަރަހައްދަށް އޭރު މަގުތަކަށް ނެރުނު ކުނިތައް ސިޓީ ކައުންސިލާއި ވެމްކޯއިން ނަގާފައިވާއިރު، ފަހުން ކައުންސިލުން ވަނީ އެގޮތަށް އެކަންކުރާ މީހުން ފާހަގަކޮށް އެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފަ އެވެ. އެ މަސައްކަތުގެ ތެރެއިން މީގެ ކުރިން ވެސް މީހުން ޖޫރިމަނާކޮށްފައިވެ އެވެ.

މީގެ އިތުރަށް މާލެ މަގުމަތީގައި މުދާ ބަހައްޓައިގެން ފިޔަވާރި ކުރާ މައްސަލާގައި 7 މީހަކު ޖޫރިމަނާކޮށް، އެކަން ހުއްޓުވާފައިވާއިރު ހުއްދަ ނުނަނަގާ މަގުމަތީގައި މަސައްކަތްކޮށްގެން 15 ފަރާތަކަށް ފިޔަވަޅު އަޅާފައިވެ އެވެ.

މާލެ މަގުމައްޗަށް ފެންފައިބާ ގޮތަށް އޭސީ އައުޓްޑޯ ޔުނިޓުތަކާއި މި ނޫން ވެސް އެކި ހޮޅިތައް ހުންނައިރު، އެކަމުގެ ސަބަބުން މާލެ މަގުމަތި ނަޖިސްވެ ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗިއްސައް ވެސް ދަތިވާ މައްސަލަ ވެސް ވަރަށް ބޮޑެވެ. އެކަން ހައްލުކުރުމަށް ވެސް މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަމުން އަންނައިރު، ކައުންސިލުން ބުނިގޮތުގައި މި މަހުގެ 8 ވަނަ ދުވަހާއި 15 ވަނަ ދުވަހާ ދެމެދު އެފަދަ 44 މައްސަލަ އަކަށް އެޓެންޑްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 11 ތަނެއް މިޙާރު ހައްލުކޮށްފައިވާއިރު 33 ތަނަކަށް ނޯޓިސް ދީފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.


https://int.etukuri.mv/
tel:+9607331319