logo

ބައްޔެއްގެ ނަން ބޭނުންކުރުން މަނާކުރިޔަސް އެ ބަލި ފަސޭހައެއް ނުވާނެ: ރައީސް ޔާމީން

profile

އާމިނަތު ޝަޒްލާ - 22 އޯގަސްޓު 2026 - 18:29

ބައްޔެއްގެ ނަން ބޭނުންކުރުން ޤާނޫނަކުން މަނާކުރިޔަސް އެ ބަލި ފަސޭހަ ނުވާނެ ފަދައިން، ޑޮލަރުގެ މައްސަލައިގައި ވެސް ކަންކަން މަނާކޮށް އަނގަބަންދުކޮށްގެން ނަތީޖާއެއް ނުނިކުންނާނެ ކަމަށާއި، އަދި މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އަލިފާނަށް ދަރު އެޅިގެންދާ ފަދައިން މައްސަލަ އިތުރަށް ގޯސްވުން ފިޔަވައި އިތުރު ކަމެއް ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގައި ބޭއްވުނު "އާބާދީ 60" ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ 22.80 ރުފިޔާއަށް އަރައިފައެވެ. އަދި ގައުމުގެ ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ދަށްވެ، ބޭރުގެ ދަރަނިތައް އަދާކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް 3 މަހާއި 6 މަސްދުވަހުގެ ތެރޭގައި ވެސް ޑޮލަރުގެ އަގަށް އެދެވޭ ހެޔޮ ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އެކަން ހައްލުކުރުމުގައި ސަރުކާރު ނުކުޅެދިފައިވާ ދަނޑިވަޅެއްގައި، ގާނޫނެއްގެ ނިވަލުގައި ތިބެ ރައްޔިތުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫން ކަމަށާއި، ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމުގެ ނަމުގައި، އެކަމާ ގުޅޭ ރިޕޯޓުތައް ޝާއިއުކުރާ ފަރާތްތައް ޖޫރިމަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ސިފަކުރެއްވީ، ބައްޔެއްގެ ނަން ބޭނުންކުރުން ގާނޫނަކުން މަނާކުރިޔަސް އެ ބަލި ފަސޭހަ ނުވާނެ ފަދައިން، ހަގީގަތް ފޮރުވައިގެން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި މިފަދަ ހަރުކަށި ފިޔަވަޅުތަކަކީ އަނދަމުންދާ އަލިފާންގަނޑަކަށް ދަރު އެޅުން ފަދަ، މައްސަލަ އިތުރަށް ގޯސްކުރުވާނެ އަމަލެއް ކަމުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑޮލަރުގެ އަގު އުފުލުމުގެ ސީދާ ނޭދެވޭ އަސަރު އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަނީ ކުރަމުންނެވެ. އަދި އަސާސީ މުދަލުގެ އަގުތައް އިންތިހާއަށް އުފުލި، ރައްޔިތުން މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ މިދަނޑިވަޅުގައި، މުޖުތަމައުގެ ހަގީގީ ހާލަތުގެ ވާހަކަ ދެއްކުން މަނާކޮށް، ގާނޫނީ ބިރުދެއްކުމަކުން މާކެޓުގެ އަގުތައް ކޮންޓްރޯލެއް ނުކުރެވޭނެއެވެ.

މި މައްސަލައިގައި ރައްޔިތުންނަށް ހަގީގީ ތަސައްލީއެއް ލިބެން އޮތީ، މާލީ ވަޒީރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ސީދާ ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، މި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ހާމަކޮށް، ރައްޔިތުންނަށް ޔަގީންކަން ދެއްވުމުން ކަމަށް ވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319