logo
އިންޑިޔާގައި ޓީޗަރު އަނިޔާ ކުރުމުން ދަރިވަރަކު މަރުވި މައްސަލައިގެ ސީސީޓީވީ ފްޓޭޖް

އިންޑިޔާގައި ޓީޗަރު އަނިޔާ ކުރުމުން ދަރިވަރަކު މަރުވި މައްސަލައިގެ ސީސީޓީވީ ފްޓޭޖް

ހޯމްވޯކް ނުހެދިކަމަށް ބުނެ ޓީޗަރު އަނިޔާކުރުމުން ދަރިވަރަކު މަރުވެއްޖެ!

profile

ރިޟްވާން މޫސާ - 22 އޯގަސްޓު 2026 - 11:33

އިންޑިއާގެ އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ވިސާކަޕަޓްނަމްގައި ހުންނަ ސްކޫލެއްގައި، ދަރިވަރަކު ހޯމްވޯކް ފުރިހަމަ ނުކުރުމުން، ޓީޗަރަކު ޖެހުމުން އެކުއްޖާ މަރުވެއްޖެއެވެ.

https://wamco.com.mv/

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި ބޮޑު ކަންބޮޑުވުމަކާއި ރުޅިވެރިކަމެއް ވަނީ އުފެދިފައެވެ. މި ހާދިސާ ހިނގާފައިވަނީ ވިސާކަޕަޓްނަމްގެ "ލިޓްލް ގާޑަން ސްކޫލް" ގައި އިއްޔެ ހެނދުނު ގާތްގަނޑަކަށް 9:00 ހާއިރުއެވެ. މި ހާދިސާގައި މަރުވެފައިވަނީ އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދިޔަ އުމުރުން 6 އަހަރުގެ ޕްރަނޭ ތޭޖާ ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ.

ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ކްލާސްރޫމުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، ހޯމްވޯކް ނުނިންމާ އޮތުމުން ޓީޗަރު ވަނީ އެ ކުއްޖާއަށް އަދަބު ދިނުމުގެ ގޮތުން ކަންކަށިމަތީގައި ޖަހާފައެވެ. އެއާއެކު ކުއްޖާ ވަރަށް ބާރަށް ރޯން ފެށި ކަމަށާއި، އޭގެ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޓީޗަރުގެ އަތްދަނޑިމައްޗަށް ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ކުއްޖާ ވަގުތުން ކިންގް ޖޯޖް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން ޓީޗަރު ބުނެފައި ވަނީ، ހޯމްވޯކާ ބެހޭގޮތުން ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދީ ކުއްޖާ ގިނައިރުތަކެއް ވަންދެން ހުރުމުން ކުޑަކޮށް ޖެހި ކަމަށާއި، ނަމަވެސް މާ ބާރަށް އަނިޔާވާ ވަރަށް ނުޖަހާ ކަމަށެވެ.

ޕްރަނޭގެ ބައްޕަ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޓީޗަރު ކުއްޖާއަށް ވަރަށް ބޮޑަށް ބިރުދައްކައި، ދަނޑިބުރިއަކުން ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ކުއްޖާ ހޭނެތިގެން ވެއްޓުނީ ލިބުނު ބޮޑު ސިހުމާއި ބިރުވެރިކަމުގެ ސަބަބުން ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.

މީގެއިތުރުން، އެދުވަހު ހެނދުނު ސްކޫލަށް ދިޔައިރުވެސް ކުއްޖާގެ އެއްވެސް ބައްޔެއް ނެތް ކަމަށާއި، އޭނާ ހުރީ ވަރަށް އުފަލުން ސިއްހަތު ރަނގަޅު ހާލަތެއްގައި ކަމަށް ބައްޕަ ބުންޏެވެ. އަދި ކުއްޖާ ހޭނެތިގެން ވެއްޓުމުން ސްކޫލްގެ ފަރާތުން އާއިލާއަށް ވަގުތުން އެންގުމުގެ ބަދަލުގައި، އެ ހަބަރު ލިބުނީ އެ ސަރަހައްދުގައި އުޅޭ އެހެން ބައެއްގެ ފަރާތުން ކަމަށް ބުނެ އާއިލާއިން ވަނީ ސްކޫލުގެ އިހުމާލު ބޮޑުކަން ފާހަގަކޮށްފައެވެ. ކުއްޖާގެ އާއިލާއިން ދަނީ އެ ޓީޗަރަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.

މި މައްސަލަ ވިސާކަޕަޓްނަމްގެ ފުލުހުން މިހާރު ރަސްމީކޮށް ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ ކުއްޖާ މަރުވާން މެދުވެރިވި ސީދާ މެޑިކަލް ސަބަބު ކަށަވަރުވާނީ ޕޯސްޓްމޯޓަމް ރިޕޯޓްގެ ނަތީޖާ ލިބުމުން ކަމަށެވެ. އަދި އަންދްރަ ޕްރަދޭޝްގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން ވެސް ވަނީ ސީނިއާ އޮފިޝަލުން ހިމެނޭ ގޮތަށް 3 މެންބަރުންގެ ހާއްސަ ކޮމިޓީއެއް މި މައްސަލަ ބެލުމަށް އެކުލަވާލާފައެވެ.

https://wamco.com.mv/
tel:+9607331319