
ޤައުމީ ޕްރީ-ކަބް މީޒް އަދި ކަބް ރެލީ ފަށަނީ: ފުރަތަމަ ހަރަކާތް ތިނަދޫ ސިޓީގައި

އާމިނަތު ޝަޒްލާ - 26 ސެޕްޓެމްބަރު 2026 - 12:44
ދިވެހިރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ބާއްވާ ޤައުމީ ޕްރީ-ކަބް މީޒް އަދި ކަބް ރެލީ މި ހަފުތާ ބަންދުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ސިލްސިލާގެ ފުރަތަމަ ހަރަކާތް، ޒޯން 5 ގެ ހަރަކާތުގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެންބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހު ތިނަދޫ ސިޓީގައެވެ.
ތިނަދޫ ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް ރާވާ ހިންގަނީ، އެ ސިޓީގައި ޙަރަކާތްތެރިވާ "އޯރގަނައިޒޭޝަން ފޯރ ކޮމިއުނިޓީ ރިޒިލިއެންސް" ގެ ދަށުން ހިންގާ ރެޒިލިއެންޓް ސްކައުޓް ގްރޫޕުންނެވެ. މި ގްރޫޕަކީ ތިނަދޫގައި ސްކައުޓް ހަރަކާތުގެ ރޫޙު ދިރުވައި، ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި 2025 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ގްރޫޕެކެވެ.
ތިނަދޫގެ ގިނަ މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ބާއްވާ މި ހަރަކާތުގައި ތިނަދޫ ސިޓީގެ އިތުރުން ގއ. އަދި ގދ. އަތޮޅުގެ ސްކައުޓް ގްރޫޕްތައް ހިމެނޭހެން 250 އަށްވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުން އަދި 15 އަށްވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވާނެއެވެ.
މި އިވެންޓުގައި އެކި ފަރާތްތަކުން ހިންގާ ސްޓޯލްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތަށް 70 އަހަރު ފުރުމާ ގުޅިގެން މުޖުތަމަޢަށް 1 މިލިއަން ގަޑިއިރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރިއަށްގެންދާ ހަރަކާތާއި، ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢާ ގުޅުވައިގެން ޚާއްޞަ ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށްދާނެއެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން މި ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން، ކެތިއަރާ ސްކައުޓް ގްރޫޕާ ގުޅިގެން ޒޯން 1 (ހއ، ހދ، އަދި ށ) ގެ ޙަރަކާތްތައް 10 އޮކްޓޫބަރު 2026 ގައި ހދ. ހަނިމާދޫގައި ކުރިއަށްދާއިރު، ހަމަ އެ ތާރީޚުގައި އިހައްދޫ ސްކޫލް ސްކައުޓް ގްރޫޕާ ގުޅިގެން ޒޯން 3 (ފ، ދ، ތ، އަދި ލ) ގެ ޙަރަކާތްތައް ކުރިއަށްދާނީ ލ. ގަމުގައެވެ. އަދި ކުޑަފަރީ ސްކޫލް ސްކައުޓް ގްރޫޕާ ގުޅިގެން ޒޯން 2 (ނ އަދި ރ) ގެ ޙަރަކާތްތައް 24 އޮކްޓޫބަރު 2026 ގައި ނ. ކުޑަފަރީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދަރަވަންދޫ ސްކޫލް ސްކައުޓް ގްރޫޕާ ގުޅިގެން ޒޯން 4 (ބ އަދި ޅ) ގެ ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރު 2026 ގައި ބ. ދަރަވަންދޫގައެވެ.
މިހާތަނަށް އިޢުލާނުކޮށްފައިވާ ހަރަކާތްތަކުގައި ޖުމްލަ 1,270 އަށްވުރެ ގިނަ ޕްރީ-ކަބުންނާއި، ކަބް ސްކައުޓުން އަދި ލީޑަރުންނާއި ވޮލަންޓިއަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ޒޯނުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހައުސިން މިނިސްޓްރީގެ ލޮކަރުތަކެއް އުސޫލާ ޚިލާފަށް ހުޅުވި މައްސަލައެއް ފުލުހަށް!
9 ގަޑިއިރު ކުރިން

ތިން ވަޒީރަކާ ސުވާލުކުރެވޭ ގޮތަށް "އަހާ" ފޯރަމް މާދަމާރޭ ބާއްވަނީ
9 ގަޑިއިރު ކުރިން

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް
9 ގަޑިއިރު ކުރިން

ބެންކޮކަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން މާލޭގެ މޭޔަރު ހަމްދަރުދީ ފޮނުއްވައިފި
10 ގަޑިއިރު ކުރިން


