logo

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް

profile

އާމިނަތު ޝަޒްލާ - 26 ސެޕްޓެމްބަރު 2026 - 13:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ "ރަސްމާލެ" މަޝްރޫޢުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކުރުމަކީ މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެ އެއްބަސްވުން ވަގުތުން ބާޠިލުކުރުމަށް ގޮވާލައްވައިފިއެވެ.

https://wamco.com.mv/

މޭޔަރު އާޒިމް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އާޒިމް ފާހަގަކުރެއްވި ގޮތުގައި ރަސްމާލެއިން ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ދޫކޮށްލާފައިވަނީ ހަގީގަތުގައި ކުއްޔަކަށް ނޫނެވެ. އަދި އެއީ ދިވެހި ރައްޔިތުންނަށް ދުވަހަކުވެސް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ދިވެހިންނަށް އަނބުރާ އެ ބިންތައް ނުލިބޭނެ ފަދަ ގޮތަކަށް އެއްބަސްވުމުގައި މާއްދާތައް ހިމަނައި، ހަމައެކަނި އެއްބަސްވުމުގެ ބޭރުގަނޑުގައި "ކުއްޔަށް ދިން އެއްބަސްވުން" ޖަހާލުމަކުން އެއީ ކުލީ އެއްބަސްވުމަކަށް ނުވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ސަރުކާރުން ހިންގާފައިވާ އަމަލެއް ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިހާރުގެ ޖީލަށާއި، އަންނަން އޮތް މާދަމާގެ ޖީލުތަކަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދިވެހި ފަސްގަނޑާއި ދިވެހިންގެ މުސްތަގުބަލު ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ހަދާފައިވާ މި ނުރައްކާތެރި އެއްބަސްވުން ވަގުތުން ވަގުތަށް ބާތިލުކުރަން ޖެހޭ ކަމަށެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ނަމުގައި ބޮޑު ސިޓީއެއް ތަރައްގީކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ. މި މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދުކުރުމުގެ ބަދަލުގައި، މަސައްކަތުގެ އަގުގެ ގޮތުގައި ހުޅުމާލެއިންނާއި ރަސްމާލެއިން ޖުމްލަ 70 ހެކްޓަރަށްވުރެ ބޮޑު ބިން 99 އަހަރުގެ މުއްދަތަށް އެ ކުންފުންޏަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ހުޅުމާލެއިން ދޫކުރާ އަގުބޮޑު ބިންތައްވެސް ހިމެނެއެވެ.

މި އެއްބަސްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ދިވެހިންގެ އެތައް ޖީލެއްގެ ބޯހިޔާވަހިކަމާއި އިގްތިސާދީ މުސްތަގުބަލާ ގުޅިފައިވާ އަގުބޮޑު ބިންތައް، ގަރުނެއްހާ ދުވަހަށް ބޭރު ކުންފުންޏަކަށް މިލްކުވާ ގޮތަށް ދޫކޮށްލުމަކީ ދިވެހި ދައުލަތުގެ އިގްތިސާދީ މިނިވަންކަމަށާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

މާލެ ސިޓީގެ މޭޔަރު މިފަދަ ހަރުކަށި ބަސްމަގެއް ބޭނުންކުރައްވައި އެއްބަސްވުން ބާތިލުކުރަން ގޮވާލައްވާފައި މިވަނީ، މި މަޝްރޫޢުގެ ހާމަކަން ކުޑަކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

https://wamco.com.mv/
tel:+9607331319