
ބެންކޮކަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން މާލޭގެ މޭޔަރު ހަމްދަރުދީ ފޮނުއްވައިފި

އާމިނަތު ޝަޒްލާ - 26 ސެޕްޓެމްބަރު 2026 - 13:03
ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރިމަތިވި ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށާއި އެ ގައުމުގެ ރައްޔިތުންނަށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިހުލާސްތެރި ހަމްދަރުދީ ފޮނުއްވައިފިއެވެ.
މޭޔަރު އާދަމް އާޒިމް މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން، ތައިލެންޑުގެ ރައްޔިތުންނަށް އަދި ހާއްސަކޮށް ބެންކޮކަށް ކުރިމަތިވި މި ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ތައުޒިޔާ އަދި ހަމްދަރުދީ ފޮނުއްވާ ކަމަށެވެ. އަދި މި ދަތި އުނދަގޫ ވަގުތުގައި ދިވެހިން ތިބީ ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިއްތިޕުންޓް އާއި ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަނާ އެކުގައި ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ބެންކޮކަކީ ދިވެހިރާއްޖެއާ ވަރަށް ހާއްސަ އަދި ގާތް ގުޅުމެއް އޮންނަ ސިޓީއެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އެ ސިޓީއަކީ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫ.އެން އެސްކެޕް) ފަދަ ބައިނަލްއަގުވާމީ މުހިންމު ބައިވެރިންތަކެއް ހިމެނޭ އަދި ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރިއަށާއި ބޭސްފަރުވާއަށް އަދި ތައުލީމު ހޯދުމަށް ދަތުރުކުރާ މުހިންމު މަންޒިލެއް ކަމަށެވެ.
މީގެއިތުރުން، މޫސުމީ މިފަދަ ނުރައްކާތެރި ހާދިސާތަކުން ހަނދާންކޮށްދެނީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަކީ ހުރިހާ ގައުމަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ސިޓީތަކުގެ ހައިސިއްޔަތުން، މިފަދަ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކޮށް، ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމަށާއި، މުޖުތަމައުތައް ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ފާއިތުވި ދުވަސްތަކުގައި މޫސުން ގޯސްވެ، ތައިލެންޑުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ކޯރުތައް ފުރިބަންޑުންވުމުގެ ސަބަބުން، ވެރިރަށް ބެންކޮކްގެ އިތުރުން އެގައުމުގެ އުތުރާއި މެދުތެރޭގެ ޕްރޮވިންސްތަކުގައި ވަނީ ފެންބޮޑުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހައުސިން މިނިސްޓްރީގެ ލޮކަރުތަކެއް އުސޫލާ ޚިލާފަށް ހުޅުވި މައްސަލައެއް ފުލުހަށް!
9 ގަޑިއިރު ކުރިން

ތިން ވަޒީރަކާ ސުވާލުކުރެވޭ ގޮތަށް "އަހާ" ފޯރަމް މާދަމާރޭ ބާއްވަނީ
9 ގަޑިއިރު ކުރިން

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް
9 ގަޑިއިރު ކުރިން

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ފަށަނީ
10 ގަޑިއިރު ކުރިން


