
ތިން ވަޒީރަކާ ސުވާލުކުރެވޭ ގޮތަށް "އަހާ" ފޯރަމް މާދަމާރޭ ބާއްވަނީ

އާމިނަތު ޝަޒްލާ - 26 ސެޕްޓެމްބަރު 2026 - 13:30
ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ އައު ސެޝަނެއް ތިން ވަޒީރަކާއެކު މާދަމާރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރުމަށާއި، އެކަންކަމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ކުރަން ބޭނުންވާ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މާދަމާރޭ 21:00 އިން ފެށިގެން ދެ ގަޑިއިރުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި، ޢާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމްގެ އިތުރުން މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއުއެވެ.
މި ފޯރަމުގައި ބައިވެރިވެ ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. އެގޮތުން ފޯރަމް ކުރިއަށްދާ މާލަމަށް ޙާޟިރުވެގެން ސީދާ ވަޒީރުންނާ ސުވާލު ކުރުމުގެ އިތުރުން، "ޕީއެސްއެމް އެއަރ" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ސުވާލު ފޮނުވުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ސަރުކާރުގެ ހިންގުން ދެފުށް ފެންނަ، ޖަވާބުދާރީވަނިވި ނިޒާމަކަށް ހެދުމެވެ. މިގޮތުން ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިންނާއި ވަޒީރުން ސީދާ ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ސަގާފަތެއް ޤާއިމުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ ކުރިންވެސް "އަހާ" ފޯރަމްގެ ނަމުގައި ވަޒީރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތަކެއް ބާއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚުދު ބައިވެރިވެވަޑައިގެން ރައްޔިތުން ކުރި ސުވާލުތަކަށް ވަގުތުން ޖަވާބުދެއްވި ޚާއްޞަ ފޯރަމެއްވެސް ވަނީ ބާއްވާފައެވެ.
މާދަމާރޭ ބާއްވާ މި ފޯރަމަކީ ޤައުމުގެ ދާޚިލީ ސަލާމަތާއި، މަސްވެރިކަމާއި އިޤްތިޞާދީ ދާއިރާގެ އިތުރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކާއި ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ޢާންމު ރައްޔިތުންނަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހައުސިން މިނިސްޓްރީގެ ލޮކަރުތަކެއް އުސޫލާ ޚިލާފަށް ހުޅުވި މައްސަލައެއް ފުލުހަށް!
9 ގަޑިއިރު ކުރިން

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް
9 ގަޑިއިރު ކުރިން

ބެންކޮކަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން މާލޭގެ މޭޔަރު ހަމްދަރުދީ ފޮނުއްވައިފި
10 ގަޑިއިރު ކުރިން

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ފަށަނީ
10 ގަޑިއިރު ކުރިން


