logo

ރަސްމީ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ނޫސްބަޔާން އިއްވަވައިފި

profile

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 11:32

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި އެޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްބަޔާން އިއްވަވައިފިއެވެ.

https://wamco.com.mv/

ކޮލަމްބޯގައި ދެއްވި މި ބަޔާނުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށާއި، ދޭދޭ ގުޅުންތަކުގެ އިތުރުން ސަރަޙައްދީ އަދި ދުނިޔޭގެ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ މުސްތަޤުބަލަށް އަމާޒުކުރެވިފައިވާ އައު ބަދަހި ގުޅުމެއްގެ ފެށުމެއްކަމަށް ސިފަކުރައްވައި، ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތަންފީޒީ މަރުޙަލާއަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ޤައުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސަކީ އިގްތިސާދީ އެއްބާރުލުންކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހިއްސާ، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށާއި، އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށް، ވިޔަފާރީގެ އައު ފުރުޞަތުތައް ހުޅުވައިދިނުމަށް ދެ ޤައުމުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ކުރިއަށް އޮތް މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް' ވެގެންދާނީ ދެ ގައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދޭ މުހިންމު މަންސައަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތަޢުލީމާއި ޒުވާނުން ބާރުވެރިކުރުވުމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކެއްކަން ފާހަގަކުރައްވައި، މުސްތަޤުބަލަށް ޒުވާނުން ތައްޔާރުކުރުމަށްޓަކައި މަތީ ތަޢުލީމާއި، ފަންނީ ތަމްރީނާއި، ހުނަރު ތަރައްޤީކުރުމުގެ ދާއިރާއިންނާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމަށްވެސް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ވަރުގަދައަށް ވަކާލާތުކުރުމާއި، ތިމާވެށީގެ ރޮނގުން، ގުޅިފައިވާ މަސައްކަތްތަކެއްކޮށް، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް، ރައީސުލްޖުމްހޫރިއްޔާ އައުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލެއްވީ، މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ އައު އަދި ހަލުވި ބާބެއްގެ ފެށުންކަން ފާހަގަކުރައްވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk