
ތަފާތު 7 ދާއިރާއަކުން ސްރީލަންކާ އާއި ރާއްޖެ އާއި ދެމެދު ގުޅުން ބަދަހިކޮށްފި

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 11:31
ތަފާތު 7 ދާއިރާއަކުން ސްރީލަންކާ އާއި ރާއްޖެ އާއި ދެމެދު ގުޅުން ބަދަހިކޮށްފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ވަނީ ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
މި މަހުގެ 3 އިން 6 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި، ދެ ޤައުމުގެ އިސްވެރިންގެ ޙާޟިރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޖުމްލަ 7 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު މުހިންމު ފަހުމުނާމާތަކުގެ ތެރޭގައި:
ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން: މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްއެވެ.
ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރ ވިޖިތާ ހެރަތުއެވެ.
އަރުޝީފީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުން: ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ.
ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.
ކުޅިވަރާއި ޒުވާނުންގެ ތަރައްގީއަށް މަސައްކަތްކުރުމުގެ އެއްބަސްވުން: މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޮއިކުރެއްވިއިރު، ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް ސުނިލް ކުމާރަ ގަމަގެއެވެ.
މުދައްރިސުންނާއި ތައުލީމީ ދާއިރާގެ އިސްވެރިން ތަމްރީނުކުރުމާއި ފަންނީ ކުރިއެރުމުގެ އެއްބަސްވުން: ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ.
ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.
ދިފާޢީ ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ދިރާސާކުރުމުގެ އެއްބަސްވުން: ދިފާޢީ ދާއިރާއިން ތަޢުލީމާއި ތަމްރީނު ހޯދުމާއި، މި ދާއިރާއިން ދިރާސާތައް ކުރުމާ ގުޅޭގޮތުން ވެވުނު މި އެއްބަަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު އެވެ.
ސްރީލަންކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސަރ ޖޯން ކޮތެލާވާ ޑިފެންސް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ރިއަރ އެޑްމިރަލް އެޗް.ޖީ.ޔޫ. ދައްމިކާ ކުމާރާ އެވެ.
ދިފާޢީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން: މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ.
ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ދިފާއީ ވުޒާރާގެ ސެކްރެޓަރީ އެއަރ ވައިސް މާޝަލް ރިޓަޔާޑް ސަމްޕަތު ތުޔަކޮންތާއެވެ.
މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކުރުމުގެ އެއްބަސްވުން: ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ވެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސަފީރު މަސްއޫދު އިމާދު އެވެ.
ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ވައިސް ޗާންސެލަރ، ޕްރޮފެސަރ އިންދިކާ މަހޭޝް ކަރުނަތިލަކަ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ދެގައުމުގެ ރައީސުން ވަނީ ބަޔާން އިއްވާފައެވެ.
ސްރީލަންކާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެގައުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ މެއި މަހުގެ 3 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ސްރީލަންކާގެ އެއަރޕޯޓުން ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސް ޑރ މުއިއްޒު އަށް ސްރީލަންކާގެ އެއަރޕޯޓުން މަރުހަބާ ދެންނެވީ އެގައުމުގެ ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއެވެ.
ގުޅުން ހުރި ޙަބަރުތައް

އަތޮޅު ކައުންސިލް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ގަޑިއިރެއް ކުރިން

އެންސްޕާގެ ސީއީއޯ އަކަށް ސްޓޭޓް މިނިސްޓަރު ޝިރުނާ ހަމަޖައްސަވައިފި
2 ގަޑިއިރު ކުރިން

ދެގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ ރަމްޒެއްގެ ގޮތުން މަހާދޭވީ ޕާކްގައި ރައީސުލްޖުމްހޫރިއްޔާ ގަހެއް އިންދަވައިފި
2 ގަޑިއިރު ކުރިން

ރަސްމީ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ނޫސްބަޔާން އިއްވަވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)