އަލިފާން ކޮންޓްރޯލެއް ނުވޭ، އިލްޒާމު ހިޖުރަވެރިންގެ ބޮލަށް، އުޅެނީ ނަތަންޔާހޫ ސަލާމަތް ނުކުރެވިގެން
ސައިފް އަޒުހަރު - 10 ޖެނުއަރީ 2025 - 11:20
ލޮސް އެންޖެލިސްގެ 6 ވަނަ ސަރަހައްދެއްގައި އިއްޔެ ރޯވެ ފެތުރެމުންދާ އަލިފާންގަނޑަކީ ގަސްތުގައި ރޯކުރި އަލިފާނެއް ކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރު ކޮށްފިއެވެ.
ކެލިފޯނިއާ ގަޑިން ބުރާސްފަތި ދުވަހުގެ މެންދުރުފަހު އަލިފާން ރޯވެ އަނދާންފެށި "ކެނެތު ފަޔަރ" ގައި މިހާތަނަށް 1،000 އޭކަރުގެ ސަރަހައްދެއް އަނދައިގެން ގޮސްފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ. އަދި މި އަލިފާންގަނޑު ވަރަށް ބާރަށް ފެތުރި ފުޅާވަމުންދާ ކަމަށްވެސް ރިޕޯޓް ކުރެއެވެ.
ގަސްތުގައި އަލިފާން ރޯކުރިކަމަށް ތުހުމަތުކޮށް ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.
ލޮސް އެންޖެލިސްގެ 6 ސަރަހައްދެއްގައި މިހާރު ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ގަދަ ވަޔާއެކު ފެތުރި އެތައްހާސް އޭކަރެއްގެ ސަރަހައްދުތައް އަނދާފައި ވެއެވެ. އަދި އިތުރު ސަރަހައްދުތަކަށް އަލިފާންގަނޑުތައް ދަނީ ފެތުރެމުންނެވެ.
އެންމެފަހުގެ މައުލޫމާތުތައް ބުނާގޮތުން، އަލިފާނުގެ ސަބަބުން 15،000 އަށްވުރެ ގިނަ ގެދޮރާއި އިމާރާތްތައް ބިންގަލާ ހަމަޔަށް އަނދައި ވަނީ އަޅިޔަށް ވެގެންގޮސްފައެވެ. އަލިފާން ފެތުރިގެންދިޔަ އަވަށްތަކުން އެއްވެސް އެއްޗެއް ސަލާމަތެއް ނުވިއެވެ.
އަލިފާނުގެ ސަބަބުން މިހާތަނަށް 10 މީހުން މަރުވެފައިވާކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދީފައި ވާއިރު، އަދަދު އިތުރުވާނޭ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އަލިފާންގަނޑުތައް ރޯވެ އަނދަމުންދާ ސަރަހައްދުތަކުގައި ހުންނަ އަގުބޮޑު ގެތަކާއި، މީހުން ނެތި ހުންނަ ގެތަކަށް ވަގުންވަދެ ލޫޓުވުން އާންމުވެފައިވާ ކަމަށް ރިޕޯޓްކުރަމުންދާއިރު، މި އަލިފާންގަނޑުތަކަކީ ވައްކަން ކުރަންވެގެން ހިޖުރަވެރިން ގަސްތުގައި ރޯކުރި އަލިފާންކަމަށް ތުހުމަތުކޮށް، އެމެރިކާގެ ސިޔާސީ މީހުންނާއި، އާންމުން އެތައް ވާހަކަތަކެއް ދައްކަމުން އެބަގެންދެއެވެ.
މިއީ، އެމެރިކާއަށް އެތެރެވެގެން އުޅޭ ހިޖުރަވެރިން ހިންގާ ޖަރީމާތަކެއް ކަމަށް ބުނެ އެމީހުންގެ ބޮލުގައި މިކަމުގެ އިލްޒާމުވެސް އަޅުވަމުން އެބަގެންދެއެވެ. "ކެނެތު ފަޔަރ" ގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީވެސް ހިޖުރަވެރިއެއް ކަމަށް ވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް އެކަށީގެންވާ ބާރު މިނުގައި ކުރިއަށް ނުދިއުމާއި، އެކަމަށް ބޭނުންވާ ތަކެތި މަދުވުމުން، ކެލިފޯނިއާ ސްޓޭޓް ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުން އެބަދެއެވެ. މިކަމުގެ ސިޔާސީ އަރާރުންތައް ފެށިފައިވާއިރު، ރުޅިއައިސްފައިވާ އާންމުން މަގުތަކަށް ނުކުމެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ގައުމުގެ އެންމެ މުއްސަނދި ސްޓޭޓްގެ އެންމެ މުއްސަނދި ސިޓީ، ލޮސް އެންޖެލިސް އަނދައި އަޅިއަށް ވަމުންދާއިރު، މައި ސަރުކާރުން އަދިވެސް އެއްވެސް އެހީތެރިކަމެއް ނުދެއެވެ.
ލޮސް އެންޖެލިސްގައި ހުރި އަލިފާން ނިއްވާ ގިނަ ސާމާނު ޔޫކްރެއިނަށް ފޮނުވި ވާހަކައާއި، ޚަރަދު ކުޑަކުރަން ލޮސް އެންޖެލިސްގެ ބަޖެޓު ކުޑަކޮށްފައި އޮތް ވާހަކަތައްވެސް ފެންމަތިވެފައި ވެއެވެ.
ލޮސް އެންޖެލިސް އަލިފާނަކީ އެމެރިކާގެ ތާރީޚްގައިވެސް މިހާތަނަށް ކުރިމަތިވި އެންމެ ގެއްލުންބޮޑު އަލިފާނުގެ ހާދިސާއަށް މިހާރުވެސް ވެގެން ގޮސްފައިވާއިރު، އެމެރިކާގެ އައު ކޮންގްރެސްއާއި، ވެރިކަމަށް އަންނާން އުޅުއްވާ ޑޮނަލްޑް ޓްރަމްޕާއި، މިހާރުގެ ސަރުކާރުން އަވަދިނެތި އުޅެނީ، ދުނިޔޭގެ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ، އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ އާއި އޭނާގެ އައުވާނުން ދިފާއުކުރެވޭތޯއެވެ.
ގުޅުން ހުރި ޙަބަރުތައް
ލޮސް އެންޖަލިސްގައި ރޯވެފައިވާ އަލިފާން ނިއްވުމަށް މެކްސިކޯގެ ފަޔަރފައިޓަރުން ފޮނުވައިފި
2 ދުވަސް ކުރިން
މަރުވި މީހުންގެ އަދަދު 16 އަށް، އިތުރު ސަރަހައްދުތަކުގައި ރޯވެއްޖެ، އިގްތިސާދީ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ
ދުވަހެއް ކުރިން
ލޮސް އެންޖެލިސް އަލިފާން: 24 މީހުން މަރު، 16 މީހުން ގެއްލިފައި، އަލިފާން ކޮންޓްރޯލެއް ނުވޭ
10 ގަޑިއިރު ކުރިން