logo

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ބަޖެޓް ސާޕްލަސްއެއްގައި

profile

ރިޟްވާން މޫސާ - 27 މާރިޗު 2026 - 10:39

ދައުލަތުގެ އާމްދަނީއަށް ކުރިއެރުން ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން 19 މާރިޗު 2026 ގެ ނިޔަލަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

https://wamco.com.mv/

އެގޮތުން، މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 9.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. ޓެކްސް އާމްދަނީ ވަނީ 12.8 އިންސައްތަ އިތުރުވެ، 7.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 82 އިންސައްތައެވެ.

ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) އެވެ. މިގޮތުން ޖީ.އެސް.ޓީގެ ގޮތުގައި 4.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 10.8 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި، އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާ ހިމެނެއެވެ.

މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 24.8 އިންސައްތަ އިތުރުވެ، 2.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޓެކްސްގެ އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ، އަދި ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 426.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި 497.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 427.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، 19 މާރިޗު 2026 ގެ ނިޔަލަށް ޖުމްލަ ހަރަދު ހުރީ 7.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.3 އިންސައްތައިގެ ދަށްވުމެކެވެ. ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދު 10.5 އިންސައްތަ ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 7.8 އިންސައްތަ ދަށްވެފައެވެ.

ނަމަވެސް، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ހަމަހަމަކުރުމަށް ނޮވެމްބަރ 2025ގައި އަމަލުކުރުމަށް ފެށި ސިޔާސަތާއިއެކު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 3.0 އިންސައްތަ އިތުރުވެ، 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތުގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.

ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.1 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 140.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް)އަށް ޖަމާކުރި ފައިސާ ވެސް ވަނީ 8.6 އިންސައްތަ އިތުރުވެފައެވެ. އަދި ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ މިންވަރު ވެސް ވަނީ 18.0 އިންސައްތަ އިތުރުވެފައެވެ.

މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ރިޕޯޓުކުރެވުނު ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވީ އާންމު ޖީ.އެސް.ޓީ އިންނެވެ. އަދި ހަރަދު އެންމެ ބޮޑަށް އިތުރުވީ އެހެނިހެން އެހީތަކާއި ހިލޭ އެހީގެ ގޮތުގައި ދޫކުރެވުނު ފައިސާއިންނެވެ. މާލީ ވުޒާރާއިން ބުނީ، މާލީ ހިސާބުތައް ދިރާސާކޮށް ނިންމާއިރު މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk