
މަސްތުވާތަކެތީގެ ކަޅުފައިސާ، ފިތްކަޑައިގެން ދާވަރު

ޝަހްޒާ މުޙައްމަދު - 13 ޖެނުއަރީ 2026 - 13:16
އެކައުންޓްތަކުގައި ދައުރުވި ކަޅުފައިސާގެ އަދަދު ފިތްކަނޑައިގެދާވަރުވެއެވެ. ދިވެހި އާންމު ވަޒީފާތަކުގަ އުޅޭ ބައެއްގެ އެކައުންޓްގަ މިލިއަނުން މިލިއަނުން ފައިސާ ދައުރުވުމަކީ ކުޑަކަމެއްނޫވެ. މިފަހުން ފުލުހުން ގއ. ވިލިނގިލީގައި ހިންގި "އޮޕަރޭޝަން އަލިމަގަ"ކީ މަސްތުވާތަކެތީގެ ވިޔަފާރި އާއި ދެކޮޅަށް ހިންގުނު ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ދަށުން ގއ. ވިލިނގިލީގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ސިޔާސީ އިސް މަޤާމެއްގައި ހުރި މީހަކުވެސް ހިމެނެއެވެ. ސަރުކާރުން ވަނީ އޭނާ ވަގުތުން މަގާމުން ވަކިކޮށްފައެެވެ. މިސަރުކާރު މިފެންނަނީ މިފަދަ މައްސަލަތަކުގައި ވެސް މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅުއަޅާތަކެވެ. ހަގީގަތަކީ މަސްތުވާތަކެތީގެ މުޑުދާރު ކަޅު ވިޔަފާރީގެ ޖަރީމާއަކީ ރާއްޖޭގައި މޫލާފައިވާކަމެއްކަމެވެ.
މަސްތުވާތަކެތީގެ ވަބާއަކީ ދިވެހި މުޖުތަމައު ފަސާދަކޮށް، ޒުވާން ޖީލުތައް ހަލާކުކުރަމުންދާ އެންމެ ނުރައްކާތެރި އެއް ވަބާއެވެ. މި ވަބާގެ ފަހަތުގައި ފޮރުވިފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ވެސް މި ވިޔަފާރީގެ ތެރެއިން އުފެދޭ ކަޅުފައިސާ ދައުރުވުމާއި، އެ ފައިސާ މާލީ ނިޒާމުގެ ތެރެއަށް ވެއްދުމަށް ހިންގާ މަނީ ލޯންޑަރިންގްގެ އަމަލުތަކެވެ. މިއީ ހަމައެކަނި އިޖުތިމާއީ މައްސަލައެއް ނޫނެވެ. މިއީ ރާއްޖޭގެ މުޅި އިޤްތިޞާދީ ނިޒާމަށް ވެސް އަސަރުކުރާކަމެކެވެ.
ކަޅުފައިސާ އިޤްތިޞާދުގެ ތެރެއަށް
އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ) އިން ރާއްޖެއާއި ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަކީ މަސްތުވާތަކެތި އުފައްދާ ޤައުމަކަށް ނުވިޔަސް، އެ ވިޔަފާރީގެ ކަޅުފައިސާގެ ހާއްޔެކެވެ. މިފަދަ އެކި ގޮތްގޮތުން ވައްދާ މި ފައިސާ މާލީ ނިޒާމުގެ ތެރެއަށް ވައްދަނީ އެކި ކަހަލަ ވިޔަފާރިތަކުގެ ނަމުގައާއި، މަކަރާއި ހީލަތުގެ ތެރެއިންނެވެ. ހިޔާނާތާއި، ރާވައިގެން ހިންގާ ކުށްތަކުގެ ތެރެއިން އުފެދޭ މި ފައިސާގެ ސަބަބުން، ހަލާލު ގޮތުގައި މަސައްކަތްކުރާ ވިޔަފާރިވެރިންނަށް ނުހައްގު ވާދަވެރިކަމެއް ކުރިމަތިވެ، ތަކެތީގެ އަގު އުފުލިގެންދެއެވެ. އާދައިގެ މީހަކަށް ނުކުރެވޭ އެތައްކަމެއް ކަޅުފައިސާވެރިން ކުރުމުގެ ނަތީޖާ އަކީ މުޅި އިޤްތިސާތަށް، މުޅި މުޖުތަމައުއަށް އޭގެ އަސަރުކުރުމެވެ.
އޭޕީޖީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިންގް ފަދަ ކުށްތަކަށް ރާއްޖެ ވަނީ ބޮޑަށް ހުށަހެޅިފައެވެ. ވަކިން ހާއްސަކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި ކެނަބިސް، ހެރޮއިން އަދި ކޮކެއިން ފަދަ ތަކެތި އެއް ގައުމުން އަނެއް ގައުމަށް އުފުލުމުގައި ރާއްޖެއަކީ މުހިންމު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރެވެއެވެ. ރާއްޖޭގައި ދައުރުވާ ކަޅުފައިސާ ހުއްޓުވަން އޭޕީޖީއިން ދީފައިވާ ލަފައަކީ ގަވައިދާ ހިލާފަށް ހިންގާމާލީ ނެޓްވޯކަށްތައް ހުއްޓުވުމެވެ.
އެކަމަށްޓަކާ މަނީ ލޯނަޑަރ ކުރަން ބޭނުންކުރާ އުކުޅުތައްވެސް ހޯދާ މޮނިޓަރކޮށް ބަލަހައްޓަންޖެހެއެވެ. މަސއްތިވާތަކެތީގެ ވިޔަފާރި ކުރާމީހުންވެސް އެކި އުކުޅު ބޭނުންކުރެއެވެ. އޮޕަރޭޝަން އަލިމަގުގައި މި އަތުލައިގަތް ނެޓްވޯކުގައި ހިމެނޭ މީހުންގެ އެކައުންޓުތަކުގައި މިލިޔަނުން ފައިސާ ދައުރު ކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނީ ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 4 ލައްކަ އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަޙުޤީޤަށް ދެނެގަނެވިފައިވާ ކަމަށެވެ. މިފަދަ އެތައް ނެޓްވޯކެއް މި މުޖުތަމައުގައި ފޮރުވިގެން ތިބެދާނެއެވެ.
މިފަދަ ބޮޑެތި ޖަރީމާތައް ހައްލުވާނީ ކިހިނެއް
މީގެ ކުރިން ރާއްޖޭގައި މަސްތުވާތަކޭތީގެ އިތުރުން، މަނީ ލޯންޑަރިންގް އާއި ކަޅުފައިސާ ހުއްޓުވުމަށް ޤާނޫނުތަކެއް ހުރި ނަމަވެސް، އެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވި ހުރުމަކީ މިކަންކަން މިހާފުޅަދާއިރާއެއްގައި މޫލާއިގެން ދިއުމުގެ އަސްލެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމަކީ އެލުނު ބޮޑުފިޔަވަޅެކެވެ. މީގެ މައިގަނޑު އަމާޒަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި، މި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ މުޖުތަމަޢަށް އަނބުރާ ގެނައުމުގެ ނިޒާމު މހަރުދަނާކުރުމެވެ.
ޤާނޫނު ތަންފީޒުކުރުމާއި އަދަބުތައް
މި އައު އިޞްލާޙުގެ ދަށުން މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމުގެ ކުށުގެ އަދަބުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. އެގޮތުން މިފަދަ ކުށްތަކަށް 20 އަހަރުގެ ޖަލު ހުކުމަކާއި ބޮޑު ޢަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ދިނުމާއި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ވަނީ ހަރުދަނާކުރެވިފައެވެ.
މަސްތުވާތަކެތީގެ ކަޅުފައިސާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ފޭރާން އޮތީ ވީދިފައިކަން މިހާރުމިދަނީ ހާމަވަމުންނެވެ. މިކަން ހުއްޓުވުމަށްޓަކައި މިފަދަ ނެޓްވޯކްތަކާއި މި ވިޔަފާރި އެކި ފެންވަރުގައި ކުރާމީހުން އަތުލައިގަތުން މުހިންމެވެ. މީގެ އިތުރުން، މާލީ ނިޒާމު ހަރުދަނާކޮށް، ކަޅުފައިސާ ދައުރުވާ މަގުތައް ބަންދުކޮށް، ޤާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރަން ޖެހެއެވެ. އޮޕަރޭޝަން އަލިމަގުން މި ފެންމަތިކުރުވާ ނެޓްވޯކްތަކާއި އެކު މަސްތުވާތަކެއްޗާއި އޭގެ ކަޅުފައިސާއިން ގައުމަށް އެޅިފައިވާ ހިޔަންޏަށް އަލިމަގެއް ފެނިގެން ދިއުމަކީ އުންމީދެކެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނު އެމްބަސީ ޕޯސްޓުގެ ރައްދު- ނަޝީދު ވިދާޅުވީ މަގުމައްޗަށް ނުކުމެ ތިބި ޒުވާނުންނަށް ތާއީދުކުރަންޖެހޭ ކަމަށް
7 މިނިޓު ކުރިން

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

ނަޢީމްގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ދެމިހުންނާނެ: ރައީސް
4 ގަޑިއިރު ކުރިން

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް
5 ގަޑިއިރު ކުރިން


