logo

2 އަހަރު ތެރޭގައި މާލެ ސަރަހައްދުގެ ސަހަރާތައް ފުރޭނެ: މޭޔަރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 11 އޯގަސްޓު 2024 - 17:39

މާލެ ސިޓީ ކައުންސިލާއި ރައިސުލްޖުމްހޫރިއްޔާޑރ. މުއިއްޒުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

މާލެ ސިޓީ ކައުންސިލާއި ރައިސުލްޖުމްހޫރިއްޔާޑރ. މުއިއްޒުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގެ ސަހަރާތައް ފުރޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ސަހަރާތައް ފުރޭތީ އެ ކަންބޮޑުވުން އާޒިމް މިއަދު ހިއްސާކުރެއްވީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރޭގަ އެވެ.

އާޒިމް ވިދާޅުވީ ހުޅުމާލެ ސަހަރާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފުރޭނެ ކަމަށާއި އޭރުން، ސަހަރާ އާ ޖެހިގެން ހުންނަ ސިޓީ ކައުންސިލްގެ ނާސަރީ ނަގަން ޖެހޭނެ ކަމަށެވެ.

".. ހުޅުމާލެ ސަހަރާ ހަމަ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ފުރިދާނެ މިހާރު އެ އޮތް ހިސާބަށް. ނާސަރީ ނަގަން ޖެހިދާނެ އެހެން ވެއްޖިއްޔާ. ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ތެރޭގައި އަޅުގަނޑަށް އަންދާޒާ ކުރެވެނީ ސަހަރާތައް ފުރިދާނެހެން." އާޒިމް ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ހުރި ސަހަރާތައް ފުރެމުންދާއިރު ކުރިއަށް އޮތްތަނުގައި އެ ކައުންސިލަށް 150،000 މީހުން ވަޅުލެވޭނެ ޖާގައިގެ ސަހަރާއެއް ހުޅުމާލެ ފޭސް 2 ނުވަތަ ގުޅީފަޅުން ނަމަވެސް ބޭނުންވާނެ ކަމަށެވެ.

". އެހެންމަ ދެން މާލެ ސަރަހައްދުގަ ބްރިޖަކުން ގުޅާލެވޭ ހިސާބުން މިހިރަ ތަންތަނުގައި ވަޅުދެވޭނީ. އެހެންނޫނިއްޔާ ހަމަ ދެންޖެހޭނީ ވަރަށް ދުރަށް، ކަޑުދަތުރުކޮށްފަ ނޫނީ އެހެން ގޮތަކަށް ދާން. " އާޒިމް ވިދާޅުވި އެވެ.

މޭޔަރުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭނުގައި ކައުންސިލުން ބޭނުންވާ ކަންކަމަށް ޖާގަ ނެތް ނަމަ އެ ޕްލޭން އިސްލާހު ކުރެވޭނެ ކަމަށެވެ. އެގޮތަށް އެ ޕްލޭން އިސްލާހުކޮށް މާލެ ސަރަހައްދުގައި ހުރި ސަހަރާތައް އިތުރުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނުވަތަ، މިހާރު ހުރި ސަހަރާތަކުގެ ބޭނުން އެންމެ ބޮޑަށް ކުރެވޭ ގޮތެއް ހޯދައި، އެ ސަހަރާތަކުން ޖާގަ އިތުރުކުރެވޭނެ ގޮތެއްވެސް ހޯދިދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

މާލޭގައި މީހުން ވަޅުލަން އޮންނަ ހަމައެކަނި ތަން، އާ ސަހަރާ މަރާމާތަށް މިދިޔަ އަހަރު ބަންދުކުރި ފަހުން މީހުން ވަޅުލަނީ ހުޅުމާލެ ސަހަރާގަ އެވެ.

tel:+9607331319