logo

ބައްސާމް އެދުނުގޮތަށް މަސް ނިމެންދެން އެޕާޓްމަންޓުގައި އޭނާ ބަހައްޓަނީ

profile

ޝުރުފާ މުހައްމަދު - 06 އޮކްޓޯބަރު 2024 - 22:43

ފުލުހުން އެފްއޭއެމް ބަލާ ފާސްކުރި ދުވަހު ބައްސާމް އެ ސަރަހައްދުގައި---- ފޮޓޯ: މިހާރު

ފުލުހުން އެފްއޭއެމް ބަލާ ފާސްކުރި ދުވަހު ބައްސާމް އެ ސަރަހައްދުގައި---- ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެދުމުގެ މަތިން މި މަސް ނިމެންދެން އޭނާގެ ދެ އެޕާޓްމަންޓު ހުސްކުރުމަށް ވަގުތުދޭން ނިންމާފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.

ހުޅުމާލޭން ބައްސާމް ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހިދުމަތުން ބުނެފައިވަނީ 5 އޮކްޓޯބަރު 2024 ގައެވެ.

އެޕާޓްމަންޓްތައް ހަވާލުކުރުމަށް އޮކްޓޫބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުންގެ ސިޓީއަކުން އެދިފައިވާކަން ފުލުހުން ހާމަކޮށްފައިވެ އެވެ. ފުލުހުން މިއަދު ބުނީ އެ ސިޓީގައި އެދިފައިވާ ގޮތަށް ބައްސާމްއަށް އިތުރު މުއްދަތު ދީފައިވާ ކަމަށެވެ.

އެފްއޭއެމަށް ފީފާއިން ދިން ފައިސާއިން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ މިދިޔަ މަހު ފޮނުވާފައެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނެފައިވަނީ ބައްސާމްގެ މިލްކިއްޔާތުގައި ހުރި އެ ދެ އެޕާޓްމެންޓް މާދަމާ ގެ ކުރިން ފުލުހުންނާއި ހަވާލުކުރުމަށް މިދިޔަ މަހުގެ 28 ގައި ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ، އެ ދެ އެޕާޓްމަންޓް ގަތުމަށްފަހު ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާއިރު، އެފްއޭއެމްގެ ފައިސާ އިން އެއްމިލިއަން އެމެރިކާ ޑޮލަރު އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާ ކަމަށެވެ. އަދި އެ އަދަދަށްވާ ދިވެހި ފައިސާ ދެއްކިކަމަށް ހެދުމަށްޓަކައި ލިޔެކިޔުން ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން އެފްއޭއެމް އިން ވެސް އެ ފައިސާ ލިބުނުކަމަށް ހެދުމަށްޓަކައި ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި، އެ އަދަދާއި، އަމީން އިން އެފްއޭއެމް އަށް ފައިސާ ދެއްކިކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެފްއޭއެމްގެ ހިޔާނާތް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

https://wamco.com.mv/
tel:+9607331319