logo

ރައީސްގެ ނިންމެވުމާއެކު ބިނާކުރަނިވި ހިޔާލުތަކެއް

profile

އާމިނަތު ޝަފާ - 07 ސެޕްޓެމްބަރު 2024 - 17:11

މަގުމަތީގެ އަމާން ބެލެހެއްޓުމުގައި ފުލުހަކު ހަރަކާތްތެރިވަނީ --- އަސްލު ފޮޓޯ: ޒިދާން

މަގުމަތީގެ އަމާން ބެލެހެއްޓުމުގައި ފުލުހަކު ހަރަކާތްތެރިވަނީ --- އަސްލު ފޮޓޯ: ޒިދާން

ހުކުރު ދުވަހު ހިނގި ހިތާމަވެރި ހާދިސާއާއެކު ސަރުކާރުންވަނީ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ތަންފީޒީ އިދާރާތަކަށް ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް އަންގަވާފައެވެ.

ރައީސް މުއިއްޒު އެންގެވި ކަންކަން:

  • މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  • ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.
  • ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
  • ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
  • އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  • ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
  • ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
  • މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިފިޔަވަޅުތައް އަޅަމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރައްވާނެ ކަމަށެވެ. އެއާއެކު ތަންފީޒީ އިދާރާތަކުންވަނީ މި އެންގެވުން ފުރިހަމައަށް ތަންފީޒުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިއާއެކު މި ފިޔަވަޅުތަކަށް ސޯޝަލްމީޑިއާގައި އާއްމުންގެ ތައުރީފުދަނީ އޮހެމުންނެވެ. ރައީސްގެ މި ނިންމެވުމަކީ ފަހުގެ ތާރީހެއްގައި ރައީސަކު ނިންމެވި އެންމެ ރަނގަޅު ނިންމެވުން ކަމަށް ގިނަ ބަޔަކު ބުނަމުން އެބައާދެއެވެ.

މިފިޔަވަޅުތައް އެޅުން ލަސްވެގެން ކުރީ ސަރުކާރަށް ފާޑުކިޔާފައިވާއިރު ބައެއް ފަރާތްތަކުންވަނީ ގެންނަން ފެންނަ ބަދަލުތައްވެސް ސަރުކާރާ ހިއްސާކޮށްފައެވެ.

ކަންބޮޑުވުން ފާޅުކޮށް އަދި ގެންނަންވީ ބަދަލު ހިއްސާކޮށް އެކަކު ބުނެފައިވަނީ މަގުމަތީގައި އުޅޭ މީހުންގެ ފުރާނައަށް ނުރައްކާވާގޮތައް ދުއްވާ ދުއްވުމަކީ ޖިނާއީ ކުށަކަށް ސަރުކާރުން ހަދަންޖެހޭނެކަމަށެވެ. ނިސްބަތުން އެންމެ ރައްކާތެރި މަގުތައް ހުރި ގައުމުތަކުގައި އެކަން ކުރުމަށް ބޭނުން ކުރާ އެންމެ މުހިންމު އެެއް އާލާތަކީ ޓެކްނޮލޮޖީކަމަށް ބުނެ ގިނަ އާއްމުން ދެން ސަރުކާރަށް ލަފާދިނީ އެގޮތައް އަމަލުކުރުމަށެވެ. ޗައިނާ ދުބާއި ފަދަ ތަންތަނުގައި ކަނޑައެޅިފައިވާ ސްޕީޑު ފަހަނަޅާއިރަށް ނުވަތަ ނުގަވައިދުން ލޭނު ބަދަލު ކޮށްލާއިރަށް ފޯނަށް މެސެޖު އަންނާނެކަމަށާއި ބޮޑު ޖޫރިމަނާއެއް އަންނާނެތީ އެކަން އެގޮތައް ކުރަން ނުކެރޭނެކަމަށް އެ ރައްޔިތުން ބުންޏެވެ.

މަޖިލިސް މެމްބަރުންނަށްވެސް ރައްޔިތުން ވަނީ ހިޔާލުތަކެއް އަރުވާފައެވެ. އެ ހިޔާލުތައް ކަމުގޮސްގެން ސޯޝަލް މީޑިއާގައި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންވެސް އަންނަނީ ތައުރީފުކުރަމުންނެވެ.

ެއެގޮތުން ފާހަގަކޮށްލެވޭ ހިޔާލުތަކަކީ ގާނޫނަށް ބަދަލު ގެންނައިރު ލައިސެންސް ނެތް ފަރާތްތަކަށް ނުވަތަ މީހަކަށް ވެހިކަލެއް ދުއްވަން ހަވާލުކުރި މީހަކު 50،000 ރުފިޔާއިން ފެށިގެން ޖޫރިމަނާ ކުރުމާއި، ޖޫރިމަނާ ދައްކަންދެން އުޅަނދު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމެވެ.

އަދި މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ ގަވާއިދާ ހިލާފަސް ދުއްވި އުޅަނދު ނީލަމުގައި ވިއްކާލުމާއި ވަކި ހާލަތްތަކެއް ބަޔާންކުރުމަށް ފަހު އުޅަނދުގެ ވެރި ފަރާތް ޖަލަށް ލެވޭ ގޮތައް ގާނޫނު ބަދަލުކުރުމެވެ.

ކޮންމެއަކަސް ރައީސްގެ ނިންމެވުމާއެކު މައްސަލަ ހައްލުކުރުމަށް ރައްޔިތުންވެސް އަންނަނީ އެހީތެރިވަމުންނެވެ.

tel:+9607331319