logo

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 105 މީހުން ޝަހީދުކޮށްލައިފި، މިހާރު ގިނައިން ބޮންއަޅަނީ އާންމުން ދިރިއުޅޭ ޓެންޓުތަކަށް

profile

ސައިފް އަޒުހަރު - 09 ޖުލައި 2025 - 11:07

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ ވަރުގަދަ އުދުވާނީ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 105 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް، ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

https://wamco.com.mv/

އެ މުއްދަތުގެ ތެރޭގައި، ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 530 އަށް އަރާ ކަމަށްވެސް ބުނެފައި ވެއެވެ.

ޝަހީދުކޮށްލާފައިވާ އަދި ޒަޚަމްކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި، އިންސާނީ އެހީ ހޯދަން ގޮސްތިއްބައި ބަޑިޖަހައި ޝަހީދުކޮށްލި 7 މީހަކުވެސް ހިމެނެއެވެ. އެހީ ހޯދަން ގޮސްތިއްބައި ބަޑިޖެހުމުގެ ސަބަބުން 57 މީހުން ޒަޚަމްވި ކަމަށްވެސް، ޣައްޒާ ހެލްތު މިނިސްޓްރީން ޓެލެގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ ރަސްމީ އަދަދުވަނީ 57،680 އަށް އަރާފައެވެ.

ޒަޚަމްވި މީހުންގެ އަދަދު 137،409 އަށް އަރާފައި ވެއެވެ.

އދއާއި، ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތައް ބޭރުކުރުމަށްފަހު އެމެރިކާއާއި އިސްރާއީލުން، މެއިމަހުގެ 27 ގައި ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ ނަމުގައި ހިންގަމުންގެންދާ ޖަރީމާތަކުގައި މިހާތަނަށް 773 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވެއެވެ. 5،101 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ކެނޑިނޭޅި ޣައްޒާގެ ހުރިހާ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން، ހަނގުރާމަމަތީ ޖެޓުތަކާއި، ޑްރޯންއިންވެސް ހަމަލާ ދެމުންގެންދާއިރު، އެއްގަމުމަގުންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

އެންމެ ގިނައިން މިހާރު ބޮންއަޅަމުން ގެންދަނީ، ހަމަލާތަކުގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށެވެ. އަދި އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ބޮންއަޅައި އަދި މިސައިލުންވެސް ހަމަލާދެމުން ގެންދެއެވެ.

https://etukuri.mv/
https://www.aslu.com.mv