logo

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް، ތަޢުޒިޔާ ވިދާޅުވެއްޖެ

profile

އާމިނަތު ޝަޒްލާ - 16 އޯގަސްޓު 2026 - 06:40

އިންޑޮނޭޝިއާގެ ފްލޯރެސް ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނޭޝިއާގެ ރައީސަށާއި ސަރުކާރަށް އަދި އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވަނީ ފޮނުއްވާފައެވެ. އަދި މި ހިތާމަވެރި ހާދިސާގައި ޢާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް ފުން ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.

މީގެއިތުރުން، މި ހާދިސާގައި ގެދޮރު ގެއްލުނު އާއިލާތައް ހިމެނޭހެން، އަސަރުކުރި ހުރިހާ ފަރާތްތަކާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، މީހުން ސަލާމަތްކުރުމަށާއި ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތައްވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން މަޢުލޫމާތުދޭ ގޮތުގައި، ރެކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ފަތިހު 5:58 ހާއިރު، ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

އިންޑޮނޭޝިއާގެ ޖިއޯފިޒިކްސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ފުރަތަމަ ބިންހެލުމަށްފަހު އެ ސަރަޙައްދުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި އޭގެ ފަހުންވެސް އިތުރު ލޮޅުންތަކެއް (އާފްޓަރޝޮކްސް) ރެކޯޑު ކުރެވިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

މި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ ޢަދަދު ވަނީ 51 އަށް އަރައިފައެވެ. އަދި ކަމާބެހޭ އިދާރާތަކުން ދަނީ ގެއްލުންވި ސަރަޙައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319